ދުނިޔެ

މޮދީގެ ކޯޓު ފުރެންދެން އޭނާގެ ނަން، މިއީ މުބާރަކް ވެސް ކުރެއްވި ކަމެއް!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އަކީ އެންމެ ރަނގަޅަށް ހެދުން ތުރުކުރައްވާ ބޮޑުވަޒީރުގެ ގޮތުގައި އިންޑިއާގެ އެތައް ބަޔަކު ބުނަމުން އަންނަނިކޮށް އިއްޔެ މި ވަނީ މަލާމާތާ ކުރިމަތިވެފަ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ އިއްޔެ ބައްދަލުކުރެއްވި އިރު މޮދީ ތުރުކުރައްވައިގެން ހުންނެވި ކޯޓުގައި ދަމާފައި ހުރި ރޮނގުތައް އެއީ މޮދީގެ ނަމެވެ. ކައިރިން ނަގާފައި ހުރި ފޮޓޯތަކުން ވަނީ އެކަން އެނގިފަ އެވެ. މުޅި ކޯޓުގައި ލިޔެފައި ވަނީ "ނަރެންދުރަ ދަމޮރްދާސް މޮދީ" އެވެ.

މިހާރު ވަނީ މޮދީގެ ކޯޓަށް ޖޯކު ޖަހަން ފަށައިފަ އެވެ. ސޯޝަލް މީޑިއާގަައި ModiSuit# ހޭޝްޓެގްގައި ދަނީ މިކަމާ ބެހޭ ގޮތުން އެ މީހަކަށް ކިޔުނު އެއްޗެއް ކިޔަމުންނެވެ. މޮދީގެ ކޯޓް ވަގަށް ނަގައިފާނެ ކަމަށް ހީކުރެއްވީތޯ ވެސް ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ. އެކަމަކު މޮދީގެ ސަޕޯޓަރުން ގެންދަނީ އެވަރުގެ ކޯޓެއް ނެތިގެން އެ ވާހަކަ ދައްކަމުންނެވެ. މޮދީ އެ ކުރެއްވީ ވަރަށް މޮޅު ކަމެއްގެ ގޮތުގައި އެ މީހުން ދެކެ އެވެ.

މޮދީ މި ކޯޓް ތުރުކުރެއްވީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތަށް އޮބާމާ ވަޑައިގަތުމުން މަރުހަބާ ވިދާޅުވި ރަސްމިއްޔާތަށް ފަހުގަ އެވެ. އެއާޕޯޓަށް ވަޑައިގެން އިރު މޮދީ ތުރުކުރައްވައިގެން ހުންނެވީ އިންޑިއާގެ ކުރުތާ އަކީ ޝޯލްއެކެވެ. މޮދީ ކުރުތާގައި ހުންނެވި އިރު އޮބާމާ އަށް އެ ކުރުތާ ގަޔާވެގެން، އޮބާމާ ވެސް އެކަހަލަ ކުރުތާއެއް ތުރުކުރެއްވުމާ ބެހޭ ގޮތުން ސަމާސާ ކުރެއްވި ކަމަށްވެ އެވެ.

ނަން ޖަހާ ފުރާލާފައި އޮތް ކޯޓެއް ތުރުކުރެއްވި ފުރަތަމަ ބޭފުޅަކީ މޮދީއެއް ނޫނެވެ. އެންމެ ފަހުން މި މިކަހަލަ ކޯޓެއް ތުރުކުރެއްވީ ޑިމޮކްރަސީ އަށް ނުވަތަ ރަނގަޅު ވެރިޔަކަށް މިސާލެއްގެ ގޮތުގައި ގިނަ ބަޔަކު ބަލާނެ ބޭފުޅެއް ވެސް ނޫނެވެ. 

އެ ބޭފުޅަކީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކެވެ. މުބާރަކްގެ ނަމުން ނަލަކޮށްފައިވާ ކޯޓެއް ތުރުކުރައްވައިގެން ހުންނެވިކަން ފާހަގަވީ 2009 ވަނަ އަހަރު ޕްރެސް ކޮންފަރެންސެއްގަ އެވެ. އޭރު އެކަންވީ މުބާރަކްގެ ހުދުމުހުތާރު ސިފައިގެ ބަޔަކަށެވެ. އެކަމަކު މޮދީ އެ ގޮޅިއަކަށް ނުފައްތަ އެވެ. ހެއްވާނޫން ހެއްޔެވެ؟

ސުވާލަކީ މިއީ މޮދީ ކީއްވެ ކުރެއްވި ކަމެއްތޯ އެވެ. އަނެއްކާ މިއޮތީ ލަނޑެއް ދީފައި ހެއްޔެވެ؟