އެފްއޭއެމް

އެފްއޭއެމްގެ އިންތިހާބު އަންނަ މަހު 31ގައި

Dec 17, 2023

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު އަންނަ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށާއި އިންތިހާބު އޮންނާނީ ޖެނުއަރީ 31 ވަނަ ދުވަހު ކަމަށެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 1:00އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

މި އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު އެފްއޭއެމް ހިންގާ ކޮމިޓީގެ ބައެއް މެންބަރުން ވަނީ އިސްތިއުފާދީފަ އެވެ.

މީގެ އިތުރުން އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ފުލުހުން ތަހުގީގުކުރަމުންދާއިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ވަނީ ހުއްޓުވާފަ އެވެ. ޕީޖީ ހުސައިން ޝަމީމް ވަނީ ބައްސާމަށް ދައުވާކުރާނެ ކަމަށް ބުނެފަ އެވެ.

އެފްއޭއެމްއަށް ބޭރުގެ އެކިއެކި އިދާރާތަކުންނާއި ސްޕޮންސަރުންގެ އަތުން ލިބޭ އެތައް މިލިއަން ރުފިޔާއެއްގެ ފައިސާއަށް އެތަނުގެ އިސްވެރިން ހިޔާނާތްތެރިވެ މުވައްޒަފުންނަށް ގަވައިދުން މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފަ އެވެ.