އޭސީސީ

ފްލެޓް ލިސްޓްގެ މައްސަލަ ބެލުމަށް ބައެއް މީހުން އޭސީސީއަށް ހާޒިރުކުރަނީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިން ގޮތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގަށް ހާޒިރުކުރަން ޖެހޭ މީހުން ހާޒިރުކޮށްގެން ސުވާލުކުރަމުންދާ ކަމަށް އޭސީސީ އިން ބުނެފި އެވެ.

އޭސީސީ އިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ ފްލެޓްތަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް، ހައުސިން މިނިސްޓްރީން ކޮމިޝަނަށް ދިނުމާއެކު، ތަހުގީގުގެ މަސައްކަތް އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ.

އެގޮތުން މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ކޮމިޝަނުން ނަގަމުންދާ ކަމަށްވެސް ބުންޏެވެ.

އޭސީސީ އިން އިތުރަށް ބުނީ މިމައްސަލައަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުންހުރި މައްސަލައަކަށްވާތީ ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ތަހުގީގު ނިންމުމަށް ކޮމިޝަނުން ބޭނުންވާ ކަމަށެވެ.

"[އެހެންވެ] މިކަމަށް ބޭނުންކުރެވެން ހުރި ފަންނީ އަދި އިންސާނީ ވަސީލަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކޮށްގެން [މިދަނީ] މަސައްކަތް ކުރަމުން،" އޭސީސީގެ ބަޔާނުގައިވެ އެވެ.

ފްލެޓް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ އޭސީސީ އިން ވަނީ ފްލެޓް ހަވާލުކުރުން ހުއްޓުވާފަ އެވެ.