ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަންކޮށް "ސްޓާ އެވޯޑްސް" ދީފި

މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ "އެމްޕްލޯއީ ސްޓާ އެވޯޑްސް" 20 މުވައްޒަފަކަށް ދީފި އެވެ.

ބޭންކުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަށް އެވޯޑް ދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ އެވެ.

ކޮންމެ މަހަކު ބާއްވާ މި އެވޯޑަށް ހުށަހެޅޭ މުވައްޒަފުންގެ ތެރެއިން އެވޯޑް ހާސިލްކޮށްފައިވާ މުވައްޒަފުންނަކީ ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ އަދި މަސައްކަތާއި އަހުލާގުގައި ލާމަސީލު މުވައްޒަފުންނެވެ.

މީގެ އިތުރުން ތައުލީމާއި، ކުޅިވަރުގެ އިތުރުން އެހެނިހެން ހަރަކާތްތަކުން މުވައްޒަފުން ހޯދާ ކާމިޔާބީ ފާހަގަކޮށް މި އެވޯޑް ދެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އެމްޕްލޯއީ ސްޓާ އެވޯޑްސްއާ އެކު ބޭންކުގެ ކަސްޓަމަރުންނާއި، ބޭންކުގެ ހިދުމަތް ލިބޭ މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ބޭންކުގެ މުވައްޒަފުން ކުރާ ބުރަ އަދި ފަރުވާތެރި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

"ގަވައިދުން ދެމުންދާ މި އެވޯޑަކީ މުވައްޒަފުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ހިތްވަރު ލިބިގެންދާނެ އެވޯޑެއް." ސްޓުމްކަ ވިދާޅުވި އެވެ.

ބީއެމްއެލްގެ މުވައްޒަފުން ކުރަމުންދާ ލާމަސީލު މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ ސްޓާ އެވޯޑްސް ތައާރަފްކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.

މި އެވޯޑްގެ އިތުރުން ބޭންކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް "ސްޓާފް އެވޯޑްސް" އަދި ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް "ލޯންގް ސާވިސް އެވޯޑްސް" ވެސް ބޭންކުން އަންނަނީ ދެމުންނެވެ.