ގާސިމް އިބްރާހިމް

ގަވާއިދު އިސްލާހުކޮށްގެން މެންބަރުންގެ އަދަދު ބަދަލު ނުކުރެވޭނެ: ގާސިމު

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ބަދަލު ނުގެނެވޭނެ ކަމަށް ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމު އިބްރާހީމު މިހެން ވިދާޅުވީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މިހާރުގެ އަދަދަކީ 80 ކަމަށް ކަނޑައެޅުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު މަޖިލީހުގެ އާންމު ކޮމިޓީއަށް އިސްލާހެއް ހުށަހަޅުއްވާފައިވަނިކޮށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމު ވަނީ ގާނޫނުއަސާސީގައި މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން އެކަން ނުކުރެވޭނެ ކަމަށް ގާސިމު ވިދާޅުވި އެވެ.

"ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި އެވަނީ މެންބަރުންގެ އަދަދު ކަނޑައަޅާފައި. އެހެންވީމާ މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލަކުން އެކަމެއް ނުކުރެވޭނެ،" މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފައިވާއިރު ގާސިމު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށްވެސް އަދި ރުހުން ނުދެވޭކަން ފާހަގަކުރައްވާފަ އެވެ.

"އެމްޑީޕީގައި މެޖޯރިޓީ އޮތީމަ ތިބޭފުޅުން މަޖިލީހުގެ ގަވާއިދަށް އެގޮތަށް އެކަން ކުރައްވައިފިނަމަ ވަރަށް ހަޑިހުތުރު ކަމެއް އެއީ. އެމްޑީޕީއަށް ވެރިކަން ނުލިބުނީމަ ރައީސުލްޖުމްހޫރިއްޔާއަށް އައި ބޭފުޅަކު މަގާމުން އަޒުލުކުރަން ނައިބާއެކު އެކަން ކުރަން ވިސްނާ ވިސްނުމެއް އޮތް ކަމަށް ޕަބްލިކްގެ ތެރޭގައި ބައެއް މީހުން ވާހަކަ ދެއްކުމުގެ ޖާގަ އެބަލިބޭ މިހާރު،" ގާސިމު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ގަވާއިދު އިސްލާހު ކުރުމަށްކުރާ މަސައްކަތް ހުއްޓާލުމަށްވެސް ގާސިމު ވަނީ ގޮވާލައްވާފަ އެވެ.

ގާސިމު މިއަދު ދެއްކެވި ވާހަކައިގައި ވަނީ ވަޒީރުންގެ ޝަރުތު ފުރިހަމަވާ ވަޒީރުންނަށް މަޖިލީހުން ރުހުންދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އޭގެފަހުން އެއްވެސް މިނިސްޓަރަކު ގޯހެއް ހަދާނަމަ ސުވާލުކޮށް ޒިންމާދާރު ކުރެވޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނެ ކަމަށް ގާސިމު ވިދާޅުވި އެވެ.