ހަބަރު

އެކްސިސް ބޭންކަށް ލިބުނު ގެއްލުމުގެ ޒިންމާ ސަރުކާރަށް ނަގަން ޖެހިއްޖެ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް އިންޑިއާގެ ޖީއެމްއާރް ކުންފުނިން އެކްސިސް ބޭންކުން ނެގި ލޯނު ނުދެއްކުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ދެއްކުމަށް ދިވެހި ސަރުކާރުގެ މައްޗަށް އިންޓަނޭޝަނަލް އާބިޓްރަލް ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ. އެކްސިސް ބޭންކުން ޖީއެމްއާރް ނެގީ 160 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެ ލޯނު ޖީއެމްއާރުން ނެގީ 10 ޕަސަންޓްގެ އިންޓަރެސްޓް ރޭޓާ އެކުގަ އެވެ.

ޖީއެމްއާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރުމަށް ހަވާލުކުރި ކުންފުންޏެވެ. އެ ކުންފުނިއަތުން ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެއާޕޯޓް ވަނީ އަތުލާފަ އެވެ.

ޖީއެމްއާރް އެއްބަސްވުމަކީ، އުފެދުނުއިރު ވެސް ބާތިލު އެއްބަސްވުމެއް ކަމަށް މީގެކުރިން ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރަލް ޓްރައިބިއުނަލުން ވަނީ ދިވެހި ސަރުކާރުން ޖީއެމްއާރް އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފަ އެވެ. އެއީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ޒިންމާ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ނަގަން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރަލް ޓްރައިބިއުނަލުން ކަނޑައަޅާފައިވެ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް ތަރައްގީކުރުމަށް ޖީއެމްއާރަށް ދިން އެއްބަސްވުމުން ރައީސް ވަހީދުގެ ސަރުކާރުން ބާތިލުކުރުމާ ގުޅިގެން ޖީއެމްއާރުން ވަނީ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދުމަށް އެދިފަ އެވެ.

އެއާޕޯޓް އެއްބަސްވުން ބާތިލުކޮށްލުމުން ދިވެހި ސަރުކާރަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކަނޑައަޅާނީ އަދި ފަހުންނެވެ. ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ ޖީއެމްއާރުން އެއާޕޯޓަށް ހަރަދުކުރި މިންވަރެއް ސާބިތުކޮށްދިނުމަށްފަހު އެވެ. އެކަމަށް އެކަމަށް އެސެސްމަންޓެއް ހަދާނެ އެވެ. މިކަމަށް މި އަހަރުގެ ދައުލަތުގެ ބަޖެޓްގައި އެއްވެސް ފައިސާއެއް ހިމަނާފައެއް ނުވެ އެވެ.