ފުށިދިއްގަރު ފަޅު

ފުށިދިއްގަރުފަޅު ހިއްކަން ފަށައިފި

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހް ކޮށްދެއްވައިފި އެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" ބިން ހިއްކުމުގެ މި މަޝްރޫއު އިފްތިތާހްކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ފުށި ދިއްގަރު ފަޅު ގައެވެ.

ފުށިދިއްގަރު ފަޅުގައި ތަރައްގީ ކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަންދެއްވައި އެ ނަން އިއުލާންކުރެއްވީ ރައީސް ޑރ. މުއިއްޒު އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ އަށްމަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި 1،150 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި އެ ސަރަހައްދު ހިއްކާ 11،900 ގޯއްޗާއި، 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ރައީސް ވަނީ ރިޔާސީ ކެމްޕޭންގައި ވިދާޅުވެފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ތައްޔާރުވަމުންދާއިރު އެ މަޝްރޫއަށް ބޭނުންވާ 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރިއިރު ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެހެން ކަންކަމަށް ހަރަދުކުރުމަށް ވަނީ ހިމަނާފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. މާލެ ސަރަހައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދެވެ. މިކަމުގައި ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ އެންމެ ބޮޑު ތަސައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ.