ސީމެގް

ސީމެގްގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމައިފި

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ރަސްމީ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމައިފި އެވެ. ސީމެގަކީ ކޮމަންވެލްތްގެ ގައުމުތަކުގައި އެ ގްރޫޕްގެ އުސޫލުތަކާ ހިލާފަށް ހިނގާ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ލަފާދޭ ގްރޫޕޭކެވެ. ސީމެގްގެ އެޖެންޑާގައި ގައުމެއް ހިމަނައިފި ނަމަ އެ ގައުމެއް އެ ގްރޫޕްގެ ބައްދަލުވުންތަކުން ސަސްޕެންޑް ކޮށް، އެ ގައުމެއްގެ ހާލަތު ބަލައި ފިޔަވަޅު އަޅަ އެވެ. ރައީސް މުހައްމަދު ނަޝިދުގެ މައްޗަށް ހުކުމް ކުރި މައްސަލައިގައި ރާއްޖެ ސީމެގްގެ އެޖެންޑާގައި ހިމެނުމަށް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.

އޭގެއިތުރުން ރާއްޖޭގައި އިމަޖެންސީ އިއުލާން ކުރި މައްސަލަ އާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ހަމަލާދިން މައްސަލަގައި ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމާ ގުޅިގެން ވެސް ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނަން މަސައްކަތްކުރި އެވެ. އެފަހަރު ވެސް ރާއްޖެ އެ އެޖެންޑާގައި ހިމަނާފައެއް ނުވެ އެވެ.

މީގެކުރިން ރާއްޖެ ސީމެގްގެ އެޖެންޑާގައި ހިމަނާފައިވަނީ، ރިޔާސީ ދައުރު ހަމަވެފައިވާއިރު ރާއްޖޭގައި އިންތިހާބު ކުރެވިފައިވާ ރައީސަކު ނެތުމުންނާއި، ރައީސަކު އިންތިހާބު ކުރެވި އާ ރައީސް ހުވާ ކުރައްވަންދެނެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުން ވެސް އެ އެޖެންޑާގައި ރާއްޖެ ހިމެނި އެވެ. ނަމަވެސް ކޯނީގެ ބަޔާން ނިމުމުން ސީމެގްގެ އެޖެންޑާއިން ރާއްޖެ ނެގި އެވެ.

މިއަދު ބޭއްވި ކޮމަންވެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރެއްވި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ރާއްޖެއިން ބޭނުންވަނީ ކޮމަންވެލްތާއެކު ދިގު މުއްދަތުގެ ގުޅުމެއް ގާއިމްކުރުމަށް ކަމަށެވެ. ކޮމަންވެލްތުގެ ސިޔާސަތުތަކަކީ ރާއްޖެއަށް މަންފާކުރާ ސިޔާސަތުތަކެއް ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށާއި އެ ސިޔާސަތުތައް ޕްރޮމޯޓްކޮށް އެއަށް ކިޔަމަންގަތުމުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމަންވެލްތްގެ އުސޫލުތައް ދެމެހެއްޓުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން މަދުކުރަން ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސަރުކާރުގެ އެފަދަ މަގުސަދުތައް ހާސިލް ކުރުމަށާއި، ބައިނަލް އަގުވާމީ މަސްރަހުން އަންނަ އެކި ނުފޫޒުތަކުން ރައްކާތެރިވެ ތިބުމަށް ކޮމަންވެލްތުގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުން ކަމަށް ވެސް ވިދާޅުވި އެވެ.

ދުންޔާ ވަނީ، ރާއްޖޭގެ ކަންކަން ބަލާނެ ކޮމަންވެލްތުގެ ހާއްސަ ސަފީރެއް ކަނޑައަޅައިދިނުމަށް ވެސް އެދިލައްވާފަ އެވެ.