ސީމެގް

ސީމެގްގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމައިފި

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ރަސްމީ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމައިފި އެވެ. ސީމެގަކީ ކޮމަންވެލްތްގެ ގައުމުތަކުގައި އެ ގްރޫޕްގެ އުސޫލުތަކާ ހިލާފަށް ހިނގާ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ލަފާދޭ ގްރޫޕޭކެވެ. ސީމެގްގެ އެޖެންޑާގައި ގައުމެއް ހިމަނައިފި ނަމަ އެ ގައުމެއް އެ ގްރޫޕްގެ ބައްދަލުވުންތަކުން ސަސްޕެންޑް ކޮށް، އެ ގައުމެއްގެ ހާލަތު ބަލައި ފިޔަވަޅު އަޅަ އެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ސީމެގްގައި ރާއްޖެ ނުހިމެނުމަށް ނިންމާފައިވާ ކަމަށާއި މިކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތައްކަށް ޝުކުރު ދަންނަވާ ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމުތަކާ ގުޅިގެން ކުރިއަށް ދިޔުން ކަމަށެވެ.

ރައީސް އޮފީސްގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ވިދާޅުވީ، ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމަނާފަދަ ސީރިއަސް ކަންތައްތަކެއް ރާއްޖޭގައި ނެތް ކަމަށް އެ ގުރޫޕުން ބުނެފައިވާ ކަމަށެވެ. އަދި ކޮމަންވެލްތުން ރާއްޖޭއިން ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސީމެގުން މަރުހަބާ ކިޔާފައިވާ ކަމަށާއި ޕާޓީތަކުގެ މަޝްވަރާއަކީ މުހިންމު ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ. ޝައިނީ ވިދާޅުވީ، ހުރިހާ ޕާޓީތަކަކުން ވެސް ސިޔާސީ ޕާޓީ މަޝްވަރާތަކުގައި ބައިވެރިވުމަށް ގޮވާލާ ކަމަށެވެ.

ރައީސް މުހައްމަދު ނަޝިދުގެ މައްޗަށް ހުކުމް ކުރި މައްސަލައިގައި ރާއްޖެ ސީމެގްގެ އެޖެންޑާގައި ހިމެނުމަށް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ. އޭގެއިތުރުން ރާއްޖޭގައި އިމަޖެންސީ އިއުލާން ކުރި މައްސަލަ އާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ހަމަލާދިން މައްސަލަގައި ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމާ ގުޅިގެން ވެސް ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނަން މަސައްކަތްކުރި އެވެ. އެފަހަރު ވެސް ރާއްޖެ އެ އެޖެންޑާގައި ހިމަނާފައެއް ނުވެ އެވެ.

މީގެކުރިން ރާއްޖެ ސީމެގްގެ އެޖެންޑާގައި ހިމަނާފައިވަނީ، ރިޔާސީ ދައުރު ހަމަވެފައިވާއިރު ރާއްޖޭގައި އިންތިހާބު ކުރެވިފައިވާ ރައީސަކު ނެތުމުންނާއި، ރައީސަކު އިންތިހާބު ކުރެވި އާ ރައީސް ހުވާ ކުރައްވަންދެނެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުން ވެސް އެ އެޖެންޑާގައި ރާއްޖެ ހިމެނި އެވެ. ނަމަވެސް ކޯނީގެ ބަޔާން ނިމުމުން ސީމެގްގެ އެޖެންޑާއިން ރާއްޖެ ނެގި އެވެ.