ހަބަރު

"ފިނިފެންމާ" މައްސަލާގައި ޕާޕާ އާއި އިތުރު ދެ މީހުން ހައްޔަރުކޮށްފި

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލާގައި މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ) ހައްޔަރުކޮށްފި އެވެ. ޕާޕާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު އެވެ.

މީގެ ކުރިން އެސްޕީޖީ އާއި ބަޑި ގުދަން ވެސް ބަލަހައްޓަން ހުންނެވި، ފަޔާޒު މިިދޔަ އޮކްޓޯބަރު މަހުން ފެށިގެން، ސިފައިން ގޭގައި ބަންދުކޮށްފައި ހުރިއިރު އޭނާ މިއަދު ވަނީ އެ ބަންދުން ދޫކޮށްލާފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ، ސިފައިންގެ ބަންދުން ދޫކޮށްލުމުންނެވެ.

ޕާޕާގެ އިތުރުން ވެސް ދެ ސިފައިންގެ މީހެއް "ފިނިފެންމާ" މައްސަލާގައި މިއަދު ހައްޔަރުކޮށްފައިވެ އެވެ. އަވަސްއަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑް ކޯޕްރަލް އަހްމަދު އާމިރާއި ސާޖެންޓް އަހްމަދު ރިކާޒެވެ. މި ދެ މީހުން ވެސް މީގެކުރިން ތިބީ ސިފައިންގޭގެ ބަންދުގަ އެވެ. ސިފައިންގެއިން މި މީހުން ދޫކޮށްލާފައިވަނީ މިއަދު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަވަސްއަށް ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގެ މައްސަލާގައި މިއަދު ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.