މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ބައިވެރިވެ އުފެއްދި ކުންފުނިތަކަކުން ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިދިޔަ އާދިއްތަ ދުވަހު އާންމުކުރި އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިފްކޯ ހިއްސާވާ ޖޮއިންޓް ވެންޗާ ކުންފުނި -- މޯލްޑިވްސް ޕްރޮޑަކްޓްސް ޕްރައިމެޓް ލިމިޓެޑް (އެމްއެމްޕީ) އުފެއްދި މަގުސަދު ހާސިލުނުވެ ބޮޑު ގެއްލުންތަކެއް ލިބިފައިވެ އެވެ.
އެމްއެމްޕީ އުފައްދާފައިވަނީ މިފްކޯ އާއި ތައިލެންޑްގެ އެމްއެމްޕީ އިންޓަނޭޝަނަލް ކޮމްޕެނީ ލިމިޓެޑް (އެމްއެމްޕީ އިންޓަނޭޝަނަލް) އާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އައިއޯއެފް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އައިއޯއެފް) ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއްގެ ގޮތުގައި 2011 ވަނަ އަހަރު އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިފްކޯ ހިއްސާވާ ޖޮއިންޓް ވެންޗާ ކުންފުނި -- އެމްއެމްޕީ އުފެއްދި މަގުސަދު ހާސިލުނުވެ ޖުމްލަ 44.5 މިލިއަން ރުފިޔާގެ ގެއްލުން އެ ކުންފުންޏަށް ލިބިފައިވެ އެވެ.
އެ ކުންފުނި ހިންގުމަށް މިފްކޯ އިން ކޮށްފައިވާ ހަރަދުގެ ތެރެއިން މިފްކޯއަށް ދައްކަންޖެހޭ 13 މިލިއަން ރުފިޔާ މިފްކޯއަށް އަނބުރާ ލިބިފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެމްއެމްޕީ އުފެއްދުމުގައި ބައިވެރިވާ ހިއްސާދާރުންގެ ތެރެއިން މިފްކޯ ފިޔަވައި ދެން ތިބި ދެ ހިއްސާދާރުން ހިއްސާ ގަތުމަށް ދައްކަންޖެހޭ ފުރިހަމަ އަގު ދައްކާފައިނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އެގޮތުން އެމްއެމްޕީގެ 35 ޕަސަންޓް ހިއްސާކުރާ އައިއޯއެފް އިން އެމްއެމްޕީގެ ހިއްސާ ގަތުމަށް 30.2 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އެ ކުންފުނިން ދައްކާފައިވަނީ 24.7 މިލިއަން ރުފިޔާ (1.6 މިލިއަން ޑޮލަރު) ގެ ބާޖެއް ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި އެމްއެމްޕީގެ 35 ޕަސަންޓް ހިއްސާކުރާ އެމްއެމްޕީ އިންޓަނޭޝަނަލް އިން އެމްއެމްޕީގެ ހިއްސާ ގަތުމަށް ދައްކަންޖެހޭ 30.2 މިލިއަން ރުފިޔާ ދައްކާފައިނުވާކަން ފާހަގަކޮށްފައިވެ އެވެ.
މިފްކޯ އިން އެމްއެމްޕީގެ 30 ޕަސަންޓް ހިއްސާ ގަތުމަށް ހަ އުޅަނދެއް ދޫކުރިއިރު އެ އުޅަނދުތައް ދޫކޮށްފައިވަނީ އަގު ކަށަވަރުނުކޮށް ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.
މިފްކޯއިން އެމްއެމްޕީގެ 30 ޕަސަންޓް ހިއްސާ ގަތުމަށް ދޫކުރި އުޅަނދުތައް
- 1،999 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ އެމް.ވީ ބަރޯސާ
- 327 މެޓްރިކް ޓަނުގެ ޑީސަލް އުފުލާ ބޯޓެއް
- 53 މެޓްރިކް ޓަނުގެ ލޯންލައިން މަސްވެރިކަން ކުރެވޭ ތިން ދޯނި
- ބޯޓުފަހަރަށް މީހުން އަރާ ފޭބުމަށާއި ސަޕްލައި އެރުވުމަށް ބޭނުންކުރާ ނުވަ ޓަނުގެ އެއް އުޅަނދު
އެމް.ވީ ބަރޯސާއަކީ އޭރު މަސް އެކްސްޕޯޓް ކުރުމަށް މިފްކޯއިން ބޭނުންކުރަމުންދިޔަ ހަމައެކަނި އުޅަނދެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީގެ ދެ އުޅަނދަކާއި އައިއޯއެފްގެ ބައެއް މުދާ ރަހުނުކޮށް އައިއޯއެފްގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ޑިސެމްބަރު ހައެއް، 2015 ގައި 77 މިލިއަން ރުފިޔާ (ފަސް މިލިއަން ޑޮލަރު) ގެ ލޯނެއް ނަގާފައިވަނީ އެ ލޯނުގެ ތެރެއިން 31 މިލިއަން ރުފިޔާ (2 މިލިއަން ޑޮލަރު) އެމްއެމްޕީއަށް ދޫކުރާ ގޮތަށް އެމްއެމްޕީ އާއި އައިއޯއެފްއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވީ ނަމަވެސް އެ ލޯނުގެ ފައިސާގެ ތެރެއިން އެމްއެމްޕީއަށް ދައްކަންޖެހޭ 31 މިލިއަން ރުފިޔާ އައިއޯއެފް އިން އެމްއެމްޕީއަށް ދީފައިނުވެ އެވެ.
އައިއޯއެފްގެ ބޯޓުތަކަށް ބޭނުންވާ ގޭހާއި ތެޔޮ ގަތުމަށާއި އެ ބޯޓުތަކުގެ މަރާމާތު ހަރަދުތަކަށް މިފްކޯއިން ކޮށްފައިވާ ހަރަދުތަކަށާއި މިފްކޯއިން އައިއޯއެފްއަށް ކްރެޑިޓަށް ވިއްކި މަސްތަކުގެ އަގަށް އައިއޯއެފް އިން މިފްކޯއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 13.2 މިލިއަން ރުފިޔާ މިފްކޯއަށް މިހާތަނަށް ނުލިބޭކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން މިފްކޯ އާއި އއ. އުކުޅަސް ކޯޕަރޭޓް ސޮސައިޓީ ބައިވެރިވެގެން އުފައްދާފައިވާ މިފްކޯ އުކުޅަސް މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (އުކުޅަސް މިފްކޯ) ގެ 49 ޕަސަންޓް ހިއްސާ ގަތުމަށް މިފްކޯ އިން ދައްކަންޖެހޭ އަގުގެ އިތުރުން އުކުޅަސް މިފްކޯއަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަށް ފަހުން އަނބުރާ ދައްކާ ގޮތަށް މިފްކޯއިން ކޮށްފައިވާ ހަރަދަށް މިފްކޯއަށް އަނބުރާ ލިބެންޖެހޭ 1.06 މިލިއަން ރުފިޔާ މިފްކޯއަށް ލިބިފައިނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ
އުކުޅަސް މިފްކޯ އުފެއްދިފަހުން މިހާތަނަށް ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ހިންގިފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު އުކުޅަސް މިފްކޯގައިވާ މިފްކޯގެ ހިއްސާ ދޫކޮށްލުމަށާއި އެ ކުންފުނިން މިފްކޯއަށް އަނބުރާ ދައްކަންޖެހި ނުދައްކާހުރި ފައިސާ ރައިޓް-އޮފް ކުރުމަށް މިފްކޯގެ ބޯޑުން ނިންމާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.