ހަބަރު

ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް އިފްތިތާހު ކޮށްފި

  • މިސްކިތަށް ނަން ދީފައި ވަނީ ސައުދީ ރަސްގެފާނުގެ ނަމުން
  • އެ މިސްކިތް އަޅާނީ ބްރިޖް ހިމެނޭ ސަރަހައްދުން
  • އެތަނުގައި 6،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ

ރާއްޖޭގެ މިނިވަން 50 އަހަރު ފުރުމާއި ގުޅިގެން ސައޫދީ ސަރުކާރުގެ ހިލޭ އެހީއާއެކު މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތަށް ސައޫދީ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒް އަލް ސައުދު ގެ ނަމުން ނަންދީފި އެވެ.

ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ރީތި، އެންމެ ފުރިހަމަ އިސްލާމީ ބިނާ މާލޭގައި އިމާރާތްކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާޙަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވީ، ރާއްޖެ ފަދަ އިސްލާމީ ގައުމެއްގެ މިނިވަން ކަމަށް 50 އަހަރު ފުރޭއިރު، ދިވެހިންގެ ގައުމިއްޔަތު އެންމެ ބޮޑަށް ދޭހަވާ ބިނާއެއް އަޅާނަމަ އެންމެ އެކަށީގެންވަނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭ ބިނާ އެއް އެޅުން ކަމަށެވެ. އަދި އެ ބިނާ އެޅުން ވެގެންދާނީ މިނިވަން ކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލްގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދެވޭނެ އެންމެ އަގުހުރި ހަދިޔާއަށް ކަމަށެވެ.

"ރާއްޖޭގައި މިނިވަން ކަމަށް 50 އަހަރު ފާހަގަކުރާއިރު ދިވެހިންގެ އިސްލާމްކަން ރަމްޒު ކޮށްދޭނެ ބިނާއެއް ބިނާ ކުރައްވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިންވެސް ވިދާޅުވި. ސައޫދީ ސަރުކާރުން ރައީސްގެ އެ ހުވަފެންފުޅު ހަގީގަތަކަށް ހެއްދެވުމަށް އެހީވެދެއްވައި، މިސްކިތެއް ހިމެނޭ ގޮތަށް އިސްލާމީ މަރުކަޒެއް ބިނާ ކުރުން ވެގެންދާނީ މިސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަށް. މިއީ މިހާތަނަށް މިފަދަ ގޮތަކަށް ބިނާ ކުރާ އެންމެ ފުރިހަމަ އެންމެ ބޮޑު ބިނާ އަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ކިންގް ސަލްމާން މިސްކިތް" ގެ ނަމުން ނަންދީފައިވާ، އެ އަގުބޮޑު ބިނާ އަޅަން ނިންމާފައިވަނީ ބްރިޖާއި ދިމާލުން ހިތްގައިމުކަމާއެކު ފެންނާނެ ފަދަ ގޮތަކަށެވެ. ގާތްގަނޑަކަށް 6000 މީހުންނަށް އެއްފަހަރާ ނަމާދުކުރުމަށް 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ އެ މިސްކިތުގައި ހަ ފަންގިފިލާ ހިމެނެއެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށްފައި ވެ އެވެ.

މީގެ އިތުރުން އެ ބިނާގައި ދީނީ ފޮތްތައް ހިމެނޭ ބޮޑު ލައިބްރަރީ އަކާއި އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ މަލްޓި ޕާޕަސް ހޯލެއްގެ އިތުރުން ގުރުއާނާއި ބެހޭ މަރުކަޒެއްވެސް ހިމެނޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ތިންލައްކަ ސާޅީސް ދެހާސް އަކަފޫޓަށްވުރެ ބޮޑު ބިމެއްގައި ބިނާކުރާ އެ މިސްކިތަށް، ސައޫދީ ރަސްގެފާން، ސަލްމާން ބިން އަބްދުލް އަޒީޒްގެ ނަމުން ނަން ދީފައިވަނީ، ރާއްޖޭގެ އިސްލާމީ ހައިބަތު ދައްކުވައިދޭ އެފަދަ އަގުބޮޑު ބިނާއެއް އެއްވެސް އަގަކާއި ނުލައި އަޅުއްވައިދެއްވުމަށް އެމަނިކުފާނު ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެކަމުގެ ޒިކުރާ އަބަދުމެ ދެމެހެއްޓުމަށްޓަކައި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މިރޭގެ ރަސްމިއްޔާތުގައި މިސްކިތް އެޅުމަށްޓަކައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ގެ ފަރާތްޕުޅުން ދެއްވާ ފައިސާގެ އެހީވެސް ވަނީ ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ. ރާއްޖޭގެ ފަރާތުން އެ ފައިސާއާއި ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު އެވެ.