ދަ ޑިމޮކްރެޓްސް

މުސާރަ ބޮޑުކުރުމާއި ދެކޮޅަށް ޑިމޮކްރެޓުން ތްރީލައިން ވިޕް ނެރެފި

ދައުލަތުގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަތައްވެސް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރިކުރުމާއި ދެކޮޅަށް ދަ ޑިމޮކްރެޓްސް އިން ތްރީލައިން ވިޕް ނެރެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވީ މުސާރަ ބޮޑުކުރުން މަޖިލީހުން ފާސްކުރުމާއި ދެކޮޅަށް ތްރީލައިން ވިޕް ނެރެފައިވާ ކަމަށެވެ.

މުސާރަ ބޮޑުކުރަން ކޮމިޓީން ނިންމި ނިންމުން އަލުން ބެލުމަށް ކޮމިޓީއަށާއި އެމްޑީޕީގެ މެންބަރުންނަށް އީވާ ވަނީ ގޮވާލައްވާފަ އެވެ.

އީވާ ވިދާޅުވީ މުސާރަ ބޮޑުކުރަން ގައުމުގެ މާލީ އަދި އިގުތިސާދީ ހާލަތުގައި ކެރިފޯރުންތެރިކަން ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަތައް ކަނޑައަޅާ މަގާމުތަކުގެ މުސާރަތައް މުރާޖައާ ކުރުމަށް މާލިއްޔަތު ކޮމިޓީން ބޭއްވި ނުރަސްމީ ބައްދަލުވުންތަކަށްފަހު މުސާރަތަކަށް ގެންނަ ބަދަލުތަކުގެ ކަރުދާސް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. މިހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

މުސާރަތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަތަކާއި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމަށްވެސް ހިމަނާފައިވެ އެވެ.

ބޮޑުކުރާ މުސާރަތަކަށް އެކަނިވެސް އަންނަ އަހަރުގެ ބަޖެޓުން 90 މިލިއަން ރުފިޔާ ހަރަދުކުރާއިރު ދައުލަތުގެ މުސާރަތައް ބޮޑު ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި 500 މިލިއަން ރުފިޔާ އޮތީ ހިމަނާފަ އެވެ.