އިސްލާމިކް މިނިސްޓްރީ

ފަގީރުންގެ ގޮތުގައި ތިބި 108 މީހަކު ހާލަތު ބަދަލުވެ ފޯމު ލައިފި

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މީހުން ހާލަތު ދެނެގަންނަ ފޯމް ހުށަހެޅުމަށް ހުޅުވާލުމުން މިހާތަނަށް މާލެއިން ޖުމްލަ 108 ފޯމް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އަތޮޅުތަކުން ބަލައިގެންފައިވާ ފޯމްތަކުގެ އަދަދު އެނގޭނީ ކައުންސިލްތަކުން ފޯމުތައް ފޮނުވުމުން ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފޯމު ހުށަހަޅަންޖެހެނީ 2021 އާއި 2022 އަދި މިއަހަރުގެ މިހާތަނަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތަށް ބަދަލު އައިސްފާ މީހުންނެވެ.

ހާލަތު ދެނެގަންނަ ފޯމު ހުށަހަޅަންޖެހެނީ މިހިނގާ ޑިސެމްބަރު 25 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އިސްލާމިކް މިނިސްޓްރީ އަށެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ހާލަތު ދެނެގަންނަ ފޯމު ކޮންމެހެން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރޭގައި ދަފްތަރުގައި ހިމަނާފައި ވަނިކޮށް ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނާއި، ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުންނާއި، ވަޒީފާ ލިބި ދިިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ މީހުން ހިމެނެ އެވެ. އަދި ދަފްތަރުގައި ހިމަނާފައި ވަނިކޮށް 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހުންނާއި އާއިލާތައްވެސް ހާލަތު ދެނެގަންނަ ފޯމު ހުށަހަޅަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި ހާލަތު ދެނެގަންނަ ފޯމު ހުށަހަޅާފައި ނުވާ މީހުން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުން އުނިކުރާނެ ކަމަށެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި 8،000 އަށް ވުރެ ގިނަ ފަގީރުންނާއި މިސްކީނުން އެބަތިއްބެވެ.