އިންޑިއާ އާއި ނޭޕާލުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނައުމަށް މިއަދު އަލުން ހުއްދަ ދޭން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިންޑިއާ އަދި ނޭޕާލުން އަންސްކިލްޑް ލޭބަރުން ރާއްޖެއަށް ގެނައުން އޮތީ މަނާކޮށްފަ އެވެ.
ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިންޑިއާ އާއި ނޭޕާލުން ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
"އިންޑިއާ އާއި ނޭޕާލުން އަންސްކިލްޑް ލޭބަރުން މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރެވޭނެ ގޮތް ވާނީ ހަދާފައި،" އިހްސާން ވިދާޅުވި އެވެ.
ސަރުކާރުން މިގެނައި ބަދަލާ ގުޅިގެން މިހާރު ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނެވޭނީ އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އިންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބަންގްލަދޭޝް މީހުން މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އެތެރެކުރުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް ހަތަރު އަހަރު ފަހުން މިސަރުކާރުން ވަނީ ބަންގްލަދޭޝް މީހުން މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދީފަ އެވެ.
ބަންގްލަދޭޝް މީހުން ރާއްޖެ އެތެރެކުރަން މިސަރުކާރުން ހުއްދަ ދިނީ ގާނޫނާ ހިލާފަށް ކަމަށް ނިމިދިޔަ ސަރުކާރުގެ ބައެއް އިސްވެރިން ވިދާޅުވެ އެވެ. ނަމަވެސް މިނިސްޓަރު އިހްސާސް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ގާނޫނީ މައްސަލައެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.
އިމިގްރޭޝަން ގާނޫނު މިހާރު އޮތް ގޮތުން އެއް ގައުމަކުން ގިނަވެގެން ގެނެވޭނީ އެއް ލައްކަ މީހުންނެވެ. މިނިސްޓަރު މިއަދު ވިދާޅުވީ ރާއްޖޭގައި އެ އަދަދަށް ބަންގްލަދޭޝް މީހުން ނެތް ކަމަށެވެ.