ސްކޫލުތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަރެކްޝަންސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފް ވިދާޅުވީ މާލޭ ޖަލު ހުސްކުރަން ގައިދީން ބަދަލުކުރަން މާފުށީ ޖަލުގެ ބައެއް ޔުނިޓްތަކަށް ބަދަލު ގެނެސް ޖާގަ ހަދާފައިވާ ކަމަށާއި އައްސޭރި ޖަލުގައިވެސް ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ.
އާސިފު ވިދާޅުވީ ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް މާލޭ ޖަލު ހުސްކޮށް ނިންމާލެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ސިއްހީ ފަރުވާއަށް މާލެ ގެންނަ ގައިދީން ބޭތިއްވުމަށާއި ކޯޓަށް ގެންނަ ގައިދީން ބޭތިއްބުމަށް ކަރެކްޝަންސްގެ އެނެކްސް އެކެއްގެ އިމާރާތަށް ބަދަލުތައް ގެނެސް އިންތިޒާމު ހަމަޖައްސަން މަސައްކަތްކުރަމުންދާ ކަމަށެވެ.
މާލޭ ޖަލު ހުސްކުރަން އެންގީ އެ ޖަލާއި ޖެހިގެން ހުރި ބިމުގައި ދަރުމަވަންތަ ސްކޫލު އިމާރާތް ކުރުމުންނެވެ.