ރާއްޖެ ކުޅިވަރު

ބޮޑު ތަފާތަކުން ބަލިވުމުގެ އެއް ސަބަބަކީ ޑިފެންސްގެ ދޯހަޅިކަން: ސުޒޭން

އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުގައި ރޭ އިންޑިޔާގެ ވަރުގަދަ މޯހަން ބަގާން އަތުން 5-2އިން މާޒިޔާ ބަލިވުމުގެ އެއްސަބަބަކީ ޑިފެންސް ދޯހަޅިވުން ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

"އަހަންނަށް ހީވަނީ މިއަދު ހުރިހާ ގޮތަކުން ވެސް މޮޅު ޓީމަކީ މޯހަން ބަގާންހެން. އަހަރުމެންނަށް އަހަރުމެންގެ ގޭމް ނުކުޅެވުނު. އަހަރުމެންގެ ޑިފެންސް ލައިނަށް ރަނގަޅަށް މާކް ނުކުރެވުނުތާގައި ފޯވަޑުންނަށް ރަނގަޅު ބޯޅަތަކެއް އަހަރުމެންނަށް ނުދެވުނު،" ސުޒޭން ބުންޏެވެ.

މި މެޗުގައި މާޒިޔާ ކޮޅަށް ބޯހަން ބަގާންގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 19 ވަނަ މިނިޓްގައި ސޮނީ ނޯޑްރޭ އެވެ. އޭނާ މި ލަނޑު ޖެހީ ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭ ޖެހުން ކީޕަރު އިމްރާން މުހައްމަދު ބަލަހައްޓަމުންދިޔަ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.

އިންޑިޔާގެ ގައުމީ ފޯވަޑް ޖޭޖޭ ލަލްޕެކޫލާ އާއި ޓްރިނިޑާޑް އެންޑް ޓޮބެކޯގެ ފޯވަޑް ކޯނެލް ގްލެން ޖެހި ދެ ލަނޑާ ވެސް އެކު ފުރަތަމަ ހާފު މޯހަން ބަގާން ނިންމާލީ 3-0އިންނެވެ. އެ ޓިމުގެ ހަތަރު ވަނަ ލަނޑާއި ފަސް ވަނަ ލަނޑު ޖެހީ ވެސް ފމި ދެ ކުޅުންތެރިންނެވެ.

އިންޑިޔާގެ ގުވަހަޓީގައި ކުޅުނު މި މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ޖެހީ އަހުމަދު އިމާޒް (އާއްކޮ) އެވެ. ދެ ވަނަ ލަނޑަކީ މޯހަން ބަގާން ފަސް ލަނޑު ޖެހި ފަހުން އެ ޓީމު ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޖިނާއީ ކުށެއްގެ ތުހުމަތުގައި ފޯވަޑް އަސްއަދު އަލީ (އަޑުބަރޭ) ހައްޔަރުކޮށްފައި ހުރުމުން އޭނާ ނުލައި މާޒިޔާ ކުޅުނު މި މެޗުން ބަލިވިއިރު އެ ޓީމުގެ ދެ ވަނަ މެޗުގައި އަޑުބަރޭ އަށް ކުޅެވޭނެ ކަމުގެ އުއްމީދެއް ނެތެވެ. މާޒިޔާގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބައްދަލުކުރާނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ އެވެ. މި މެޗު ކުޅޭނީ މާލޭގަ އެވެ.

ރޭގެ މެޗަށް ފަހު މޯހަން ބަގާންގެ ކޯޗު އޭނާގެ ޓީމު ދެއްކި ކުޅުމާއި ނަތީޖާއާ މެދު ވެސް ހިތްހަމަޖެހޭ ކަމަށެވެ. އަދި ޖޭޖޭ ދައްކަމުން އަންނަ ކުޅުމާމެދު ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ވަރުގަދަ ސްކޮޑެއް އޮތް މާޒިޔާ ފުރަތަމަ މެޗުން ބަލިވިއިރު އާދައިގެ ސްކޮޑަކާއެކު މި އަހަރުގެ އޭއެފްސީ ކަޕުގައި ކުޅޭ ރާއްޖޭގެ ނިއުރޭޑިއަންޓް ވަނީ ފުރަތަމަ މެޗުގައި ސިންގަޕޫރުގެ ބެލަސްޓިއާއާ ވާދަކޮށް 2-2އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފަ އެވެ.