މިނިސްޓްރީ އޮފް އެޑިއުކޭޝަން

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ސްކޫލުތައް ޗުއްޓީއަށް

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ސްކޫލު ޗުއްޓީ މިއަދު ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލުތަކުގެ ކިޔެވުން ދެން ފަށާނީ ކުރިއަށް އޮތް ޖެނުއަރީ ހަތެއްގައެވެ.

ސްކޫލުތައް އަންނަ އަހަރު ހުޅުވާއިރު ހުރިހާ ސްކޫލެއްގެ ކިޔެވުން ގައުމީ ސަލާމުން ފެށުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އޮގަސްޓް ހަވަނަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ދިރާސީ އަހަރުގެ ކިޔެވުން ފެށީ 84،000 ދަރިވަރުންނާއެކު އެވެ. އެގޮތުން ސަރުކާރުގެ 216 ސްކޫލެއްގައި 73،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށާއި އޭގެ ތެރެއިން 25،000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލެ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެއް ދަންފަޅިއަށް ސްކޫލުތަކުގެ ކިޔަވައިދިނުމުގެ ސިޔާސަތާއި އެއްގޮތަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދެ އެވެ. މީގެ އިތުރުން ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދެމުންދެ އެވެ.

ރައީސް މުއިއްޒު ވަނީ 2025 ވަނަ އަހަރުން ފެށިގެން ކުރިން އޮތް ގޮތަށް ޖެނުއަރީ މަހުގެ ތެރޭގައި ދިރާސީ އަހަރުގެ ކިޔެވުން ފަށާ ގޮތަށް ނިންމަވާފަ އެވެ.