ހިދުމަތްތައް ޑިޖިޓަލައިޒްކޮށް އިތުރަށް ތަރައްގީ ކުރުމަށް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މިނިސްޓްރީގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ތަރައްގީ ކުރުމުން، މިނިސްޓްރީގެ މަސައްކަތްތައް އަވަސްވެ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ އެމްޑީ ސައީދާ ވިދާޅުވީ މިނިސްޓްރީއާއި އެކު މި ސޮއި ކުރެވުނު އެމްއޯޔޫގެ މަގުސަދަކީ ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ފަސޭހަ އިން ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.
ސަރުކާރު ވުޒާރާތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތައް ޒަމާނީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެކެވެ.