ނެޝަނަލް ޓެންޑާ ބޯޑު

ޓެންޑާ ބޯޑުގެ ހިންގާ ގަވައިދު ފުރަތަމަ ފަހަރަށް އެކުލަވާލައިފި

ނެޝަނަލް ޓެންޑާ ބޯޑުގެ ހިންގާ ގަވާއިދެއް ފުރަތަމަ ފަހަރަށް އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޓެންޑާ ބޯޑަކީ ވަކި އަދަދަކަށް ވުރެ މަތީގެ މުދަލާއި ހިދުމަތާއި މަސައްކަތްތަކާއި ކޮންސަލްޓެންސީ ހިދުމަތްތައް ހޯދުމަށް ކުރާ އިއުލާންތަކާ ގުޅިގެން ލިބޭ ބިޑްތައް އިވެލުއޭޓް ކުރުމުގެ ޒިންމާ އޮންނަ ފަރާތެވެ.

ޓެންޑާ ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ބޯޑަށް ހުށަހެޅޭ ޓެންޑަރުތަކާ މެދު ގާނޫނާއި ގަވައިދުގެ ތެރެއިން ގޮތް ނިންމުމާއި ބޯޑުގެ ހުއްދައަށް އެދި ހުށަހަޅާ ވޭރިއަޝަންތަކާ މެދު ގޮތެއް ނިންމުމެވެ. އިދާރާއަކުން ސޮއިކޮށްފައިވާ އެއްބަސްވުމަކާ މެދު ދެބަސްވުމެއް އުފެދޭ ވަގުތު އެޖުޑިކޭޓަރަކީ ނުވަތަ އެޖުޑިކޭޓަރެއް އައްޔަނުކުރާ ފަރާތަކީ ޓެންޑާ ބޯޑު ކަމަށް ވާނަމަ އެ ހާލަތުގައި އެ މަސައްކަތް ކުރުމާއި ބޯޑުގެ މަސްއޫލިއްޔަތެއް އަދާކުރަން ހާއްސަ އުސޫލެއް ހަދަންޖެހޭނެ ކަމަށް އެކަން ކުރުންވެސް ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ބޯޑުގައި ތިއްބަވާ ހަތް މެންބަރުންނަކީ ފިނޭންސް މިނިސްޓަރުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުންނެވެ.

މިގަވައިދުގައި ޓެންޑާ ބޯޑު އެކުލެވިގެންވާ ގޮތާއި ބޯޑަށް މެންބަރުން އައްޔަންކުރައްވާ ވަކިކުރައްވާނެ ގޮތާއި ބޯޑުގެ މަސްއޫލިއްޔަތާއި ބައްދަލުވުންތައް ބާއްވަންޖެހޭ ގޮތާއި ބޯޑު މެންބަރުން ސުލޫކީ މިންގަނޑު ގެންގުޅޭވީ ގޮތް ހިމަނާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޓެންޑާ ބޯޑު ވަނީ އަލުން އެކުލަވާލާފަ އެވެ. ބޯޑުގެ ޗެއާޕާސަނަކަށް ހަމަޖައްސާފައިވަނީ ފިނޭންސްގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދެވެ.