މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ޕާސްޕޯޓާއި އައިޑީ ކާޑު ހެދުމަށް މެނުއަލްކޮށް ހުށަހެޅޭ ގޮތް ހަދަނީ

ޕާސްޕޯޓާއި އައިޑީ ކާޑު ހެދުމަށް އެޕްލިކޭޝަން ހުށަހެޅުން ހަމައެކަނި އޮންލައިންކޮށް އޮންނާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފަށައިފި އެވެ.

ޕާސްޕޯޓާއި އައިޑީ ކާޑު ހެދުމަށް އެޕްލިކޭޝަން ހުށަހެޅުން ހަމައެކަނި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމީ ކޮވިޑް 19ގެ ދުވަސްވަރު އާންމުންގެ ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.

މިބަދަލާއެކު އުމުރުން ދޮށީ މީހުންނަށާއި ބައެއް ކަހަލަ ހިދުމަތްތަކާއި އެޕްލިކޭޝަންތައް ނުގެންގުޅޭ މީހުންނަށް އައިޑީކާޑާއި ޕާސްޕޯޓް ހެއްދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާ ކުރެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ އިސްވެރިންނާ އެކު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާސްޕޯޓާއި އައިޑީ ކާޑު ހެދުމަށް އެޕްލިކޭޝަން ހުށަހެޅުން ހަމައެކަނި އޮންލައިންކޮށް އޮންނާތީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަންތޯ ނޫސްވެރިޔަކު ވަނީ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އެގޮތުން އައިޑީ ކާޑު ހެއްދުމަށް މެނުއަލް އެޕްލިކޭޝަން ހުށަހެޅޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

"ބައެއް ބޭފުޅުންގެ ކާޑު ނެތުމާއި ޕޯޓަލް މެދުވެރިކޮށް އެ ހިދުމަތް ދޭން ނޫނީ ހިދުމަތް ލިބިގަންނަން އުނދަގޫވުން، މި ކަހަލަ ކަންކަން ފާހަގަ ކުރެވިފައި އެބަހުރި،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އައިޑީ ހެދުމަށް ހުށަހަޅާފައި އޮތް 2،000 އައިޑީ ކާޑެއް ނުނިމި އޮތް ކަމަށެވެ. އެ މައްސަލަވެސް ހައްލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުވެސް ވިދާޅުވީ ހަމައެކަނި އޮންލައިންކޮށް ޕާސްޕޯޓް ހެދުމަށް ފުރުސަތު އޮންނާތީ ބައެއް މީހުންނަށް ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މެނުއަލްކޮށް ހުށަހެޅުމަކީ ކުރެވިދާނެ ކަމެއް،" ކޮންޓްރޯލަރު ވިދާޅުވި އެވެ.

އިމިގްރޭޝަނުން މިހާރު ވަނީ ޕާސްޕޯޓްގެ ވެރިފަރާތުން ޕާސްޕޯޓް ނަގަންދާއިރު އައިޑީކާޑު ނުގެންދިޔަ ނަަމަވެސް ޕާސްޕޯޓް ދޫކުރެވޭ ގޮތްވެސް ހަމަޖައްސާފަ އެވެ.