އިލެކްޝަންސް ކޮމިޝަން

މާލޭ ކައުންސިލް އިންތިހާބަށް އޮފިޝަލުން ހޯދަނީ

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި އެ ކައުންސިލުން ހުސްވެފައިވާ ދާއިރާތަކަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

މާލޭގެ މޭޔަރު ހޮވުމާއި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.

އޮފިޝަލުންގެ ޝަރުތުތަކުގެ ތެރޭގައި އަމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ މީހެއްކަމުގައި ނުވުން ހިމެނެ އެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން ހިމެނެ އެވެ.

މީގެ އިތުރުން އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުމާއި މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލު މީހަކު ކަމުގައިވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މަގާމާއި އުޖޫރަ

  • ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ - 1،500 ރުފިޔާ
  • ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފި ނަމަ - 1،200 ރުފިޔާ
  • ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ - 1،000 ރުފިޔާ
  • ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފި ނަމަ - 500 ރުފިޔާ

އުޖޫރައިގެ އިތުރުން ވޯޓުލާ ދުވަހުގެ ހެނދުނު ސައި ހަމަޖައްސައިދޭނެ ކަމަށާއި މަސައްކަތްކުރާ ވަގުތަށް ބަލައި އެހެން ގަޑިތަކުގެ ކެއުމާއި ސަޔަށްވާ ފައިސާ މާލިއްޔަތު ގަވާއިދުގައިވާ ރޭޓުން އޮފިޝަލް އެލަވަންސްއާއެކު ޖަމާކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެ އެވެ.

މި މަސައްކަތަށް ކުރިމަތިލާ މީހުން މިމަސައްކަތަށް ހާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭއިރު ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިން އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެ އެވެ.

މި ތަމްރީނު ފުރިހަމަނުކުރާ މީހުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުސަތު ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުން 11 ވަނަ ދުވަހަށެވެ.

އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާ މީހަކީ ޖެނުއަރީ ހަތަކުން 13 އަށް މާލޭގައި ހުންނަ މީހަކަށް ވާންވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ މީހުން މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެ އެވެ.