ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ތުރުކީގެ 30 ސްކޮލާޝިޕަށް ހުޅުވާލައިފި

ތުރުކީ އިން ރާއްޖެއަށް ދީފައިވާ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ސްކޮލާޝިޕްތަކުގެ ތެރޭގައި ހިމެނެނީ ޓްރޭނިންގ ނީޑްސް ލިސްޓްގައިވާ އެކިއެކި ދާއިރާތަކުން 15 ބެޗްލާސް ޑިގްރީ އާއި 10 މާސްޓާސް ޑިގްރީގެ އިތުރުން ފަސް ޑޮކްޓޯރަލް ޑިގްރީ އެވެ.

ސްކޮލާޝިޕަށް ކުދިން ހޮވުމުގެ ހުރިހާ ކަމެއް ކުރަނީ ސްކޮލާޝިޕް ދޭ ފަރާތުންނެވެ. ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑްވެސް ހިމެނޭ ގޮތުން ސްކޮލާޝިޕްގެ ހުރިހާ ހަރަދެއް ސްކޮލާޝިޕް ދޭ ފަރާތުން ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

ތުރުކީ އިން ރާއްޖެއަށް ކޮންމެ އަހަރަކު ދޭ ސްކޮލާޝިޕްގެ އަދަދު 30 އަށް އިތުރުކޮށް ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސްކޮލާޝިޕް އިތުރުކޮށްދިނުމަށް އެދިވަޑައިގެންފައި ވަނިކޮށެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ބުނީ މިސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ބޭނުންވާ ކުދިން ކުރިއަށް އޮތް ޖެނުއަރީ ހަތްވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ކުރިން "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދޭ ކަމަށެވެ.