ހުޅުލެ-މާލެ ބްރިޖް އަޅަން ބޭނުންވާ ބިޔަ މެޝިނަރީތަކާއެކު އުޅަނދެއް މިއަދު މާލެ އަތުވެއްޖެ އެވެ. ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ ގާދޫ ކޮލުން ވަދެ މާލެ ބަނދަރު ކުރި ބޯޓުގައި ހަތަރު ބާޖާއި އެއްޓަގު ބޯޓު ހިމެނޭނެ ކަމާއި އަދި އޭގެ ތެރޭގައި ޕައިލް ޑްރައިވް ކުރަން ބޭނުން ކުރާނެ ދެ ފްލޯޓިން ކްރޭނާއި ބްރިޖުގެ މަސައްކަތައް ބޭނުންވާ އިތުރު ސާމާނު ހުންނާނެ ކަމަށެވެ.
އަދި ވިދާޅުވީ މިއަދު އައި ޝިޕްމަންޓުގައި ހިމެނޭ ދެބާޖުގައި 90 މީޓަރާއި 100 މީޓަރު ހުންނާނެ ކަމަށާއި އަދި އެ ހިފައިގެން އައި ބޯޓަކީ 65000 ޓަނުގެ ސެމީ ސަބްމާޖަބަލް (ކަނޑުއަޑިޔަށް ފެއްތޭ) ބޯޓެއް ކަމަށެވެ.
"މިއަދު މިއައީ މި މަސައްކަތައް ބޭނުންވާނެ އެންމެ ބޮޑު އެއް ޝިޕްމަންޓް، މީބޯޓޫގައި ހުރި ސާމާނު އަންލޯޑު ކުރުމަށް ފަހު ވީހާ ވެސް އަވަހަކަށް ބްރިޖު އެޅުމުގެ މަސައްކަތްތައް ފެށިގެން ދާނެ. އަދި ބްރިޖު އަޅައި ސަރަހައްދުން ކަނޑު އަޑިޔަށް ބްލޮކްސްތައް ފެއްތުމާއި އެންކާ ކުރުމުގެ މަސައްކަތް މަދު ދުވަސް ކޮޅެއް ތެރޭގައި ދެން ފަށާނެ،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ގޮތުގައި މިއަދު ބޯޓު ބަނދަރު ކުރުމަށްފަހު މާދަމާ ފަށާނީ އެބޯޓު ކަނޑު އަޑިޔަށް ފެއްތުމުގެ މަސައްކަތް ކަމަށާއި އަދި އަންނަ ހޮނިހިރު ދުވަހު މި އުޅަނދުގައި ހުންނަ ބާޖުތައް ބޭލޭ ވަރަށް ބޯޓު ހުންނާނީ އަޑީގައި ކަމަށެވެ.
"މި އޮޕަރޭޝަނަކީ ވަރަށް ބޮޑު އޮޕަރޭޝަނެއް. ގާތްގަނޑަކަށް 12 މީޓަރާއި 18 މީޓަރުގެ ދެމެދަށް ބޯޓު ފައްތާލާނެ. އެހެންވެ މާލެ ސަރަހައްދުގަ މި އެންކާ ކުރުމަށް ޓަކައި ހާއްސަ މަސައްކަތަކެއް ކުރުމަށްފަހު ދެން ތައްޔާރު ވާނީ ޕްރީ ސިންކިން. އެއަށް ފަހު 27 ހިސާބުގައި ބާޖުތައް ބޭލުމުގެ މަސައްކަތް ކުރިޔަށް ދާނެ،" މުއްތަލިބު ވިދާޅުވި އެވެ.
މިއަދު މިގެނައި މެޝިނަރީސް ބަހައްޓާފައި ހުންނާނީ ކަނޑުމަތީގައި ކަމަށާއި އެގޮތުން މި ގެނެވުނު ފްލޯޓިން ކްރޭންތަކަކީ ޕްއިޕްތައް ޑްރައިވް ކުރުމަށްޓަކައި ބޭނުން ކުރާނެ ކްރޭންތައް. އެމަސައްކަތް މިހާރު ފެށި މާޗުމަހު ފުރަތަމަ ހަފްތާ ނިމެންވާ ހަ މީޓަރުގެ ފުޅާ ކޭސިންތަކެއް ވެސް އަންނާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި މިނޫންވެސް އިތުރު ބޮޑެތި ޝިޕްމަންޓުތަކެއް އަންނާނެ ކަމަށް މިނިސްޓަރު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.