ހަބަރު

ޓާޓާ ފުލެޓްތަކުގެ ހުރިހާ މަސައްކަތެއް އަންނަ މަހު ނިމޭނެ: މުއިޒް

ޓާޓާ ހައުސިން އިން އަޅާ ފްލެޓްތައް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ. ޓާޓާއިން އަރަބިއްޔާ އާއި ގާކޮށީގައި އަޅާ ފްލެޓްތަކުގެ ތެރެއިން މިހާރު ނުނިމި ހުރީ ގާކޮށީގައި އަޅާ ފްލެޓް އެކަންޏެވެ.

ސަރުކާރާ އެކު ޓާޓާ އިން އެއްބަސްވެފައި ވަނީ ޓާޓާއިން އަރަބިއްޔާގައި އަޅާ 98 ހައުސިން ޔުނިޓް އެއްކޮށް ނިންމާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ސަރުކާރާ ހަވާލު ކުރުމަށެވެ. އަދި ގާކޮށީގައި އަޅާ 198 ޔުނިޓް ޖެނުއަރީ މަހު ހަވާލު ކުރުމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ފްލެޓްތަކުގެ މަސައްކަތް ނިންމާލެވިފައެއް ނުވެ އެވެ.

މިނިސްޓަރު މުއިޒް މިއަދު ވިދާޅުވީ، އަރަބިއްޔާގައި އެޅި ފްލެޓްތައް ނިމިފައިވީ ނަމަވެސް އެ ފްލެޓްތައް ދެން ސަރުކާރާއި ހަވާލުކުރާނީ ގާކޮށީގެ ފްލެޓްތައް ވެސް ނިމުމުން ދެތަން އެއްކޮށް ކަމަށެވެ. ގާކޮށީގައި އަޅާ ފްލެޓްތައް އަންނަ މަހުގެ ނިޔަލަށް ނިންމައި އިންސްޕެކްޝަން ފަށާނެ ކަމަށާއި އެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް އެކުންފުނިން ސަރުކާރާއި ފްލެޓް ހަވާލުކުރާނެ ކަމަށް ކުންފުނިން ވެސް ބުނެފައިވާ ކަމަށެވެ.

އަރަބިއްޔާގައި މިހާރު އަޅާފައިވާ ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ. ނަމަވެސް އެ ތަނުގައި ގާއިމްކުރާ ރީޓެއިލް ފިހާރަތަކުގެ މަސައްކަތް އަދި ނުނިމެއެވެ. އެ ރީޓެއިލް ޒޯނުގައި މަޝްހޫރި ގިނަ ބްރޭންޑްތަކުގެ ފިހާރަތަކެއް ގާއިމްކުރަން ވަނީ ނިންމާފައިވާކަމަށް އެ މަސައްކަތް ކުރާ ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ) އިން ބުންޏެވެ.

ޓާޓާ ފްލެޓްތައް ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޓާޓާގެ 65 ޕަސެންޓާއި އިންޑިޔާގެ އެސްޖީ 18 ޑިވެލޮޕާސް ކުންފުނީގެ 35 ޕަސެންޓް ހިއްސާއާއެކު އުފައްދާފައިވާ "އެޕެކްސް ރިއަލްޓީ" އަށެވެ. މި ކުންފުންޏަށް ފްލެޓް އަޅަން ސަރުކާރުން މާލޭގެ ހަތަރު ބިމެއް 2010 ވަނަ އަހަރު ހަވާލު ކުރި އެވެ.

ނަމަވެސް މަސައްކަތް ހުއްޓާލާފައި އޮންނަތާ ޒަމާންތަކަށްފަހު ފްލެޓްތަކުގެ މަސައްކަތް އަލުން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.