ޓޫރިޒަމް

އިންޑިއާ ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް

އަވަށްޓެރި އިންޑިއާ އިިން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ދެ ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 1،800،468 ފަތުރުވެރިންނެވެ. މީގެތެރޭގައި އިންޑިއާ އިން ރާއްޖެއަށް ޒިޔާރަތްކުރި 200,744 ފަތުރުވެރިން ހިމެނެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،602،219 މިލިއަން ފަތުުރުވެރިންނެވެ. މިމުއްދަތުގައި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 241,369 ފަތުރުވެރިންނެވެ.

ރާއްޖޭގެ ތާރީހުގައިވެސް މި އަހަރަކީ އެންމެ ގިނަ ފަތުރުވެރިން އައި އަހަރެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެ އައީ 1،702،831 ފަތުރުވެރިންނެވެ. 2020 ވަނަ އަހަރު 555،494 ފަތުރުވެރިން ރާއްޖެ އައިއިރު 2021 ވަނަ އަހަރު ރާއްޖެ އައީ 1.2 މިލިއަން ފަތުރުވެރިންނެވެ. މިދިޔަ އަހަރު ނިމުނުއިރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.

މިއަހަރު ޓޫރިޒަމުގައި ގަދަ 10 ގައުމު

  • ރަޝިއާ - 200،894 ފަތުރުވެރިން
  • އިންޑިއާ - 200،744 ފަތުރުވެރިން
  • ޗައިނާ - 184،152 ފަތުރުވެރިން
  • އިނގިރޭސިވިލާތު - 149،115 ފަތުރުވެރިން
  • ޖަރުމަނު - 129،915 ފަތުރުވެރިން
  • އިޓަލީ - 106،910 ފަތުރުވެރިން
  • އެމެރިކާ - 71،621 ފަތުރުވެރިން
  • ފްރާންސް - 46،801 ފަތުރުވެރިން
  • ސްޕެއިން - 39،186 ފަތުރުވެރިން
  • ސައުތު ކޮރެއާ - 35،606 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު ފަތުރުވެރި ކަމަށް 1،139 ފެސިލިޓީއެއް ދަނީ ބޭނުންކުރަމުންނެވެ

މީގެތެރޭގައި 179 ރިސޯޓާއި 802 ގެސްޓްހައުސް އާއި 144 ސަފަރީ އުޅަނދު އަދި 14 ހޮޓާ ހިމެނެ އެވެ.