މިނިސްޓްރީ އޮފް ހެލްތު

ބިދޭސީންގެ މެޑިކަލް ޗެކަޕާއި މުއްދަތަށް ބަދަލުތަކެއް

ގައިން ގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި ބިދޭސީންގެ މެޑިކަލް ޗެކަޕަށް ބަދަލު ތަކެއް ގެންނަން ނިންމަވައިފިއެވެ.

ބިދޭސީންގެ މެޑިކަލް ޗެކަޕަށް ބަދަލުގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހެލްތް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފައަށް ބެއްލެވުމަށްފަހު އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ 2020 ވަނަ އަހަރުގައި ހުއްޓާލައިފައިވާ މެޑިކަލް ޗެކަޕަށް ބަދަލުތަކެއް ގެންނަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ދިގު މުއްދަތަކަށް ވޯކް ވިސާ، ސްޓޫޑެންޓް ވިސާ، ޑިޕެންޓެންޓް ވިސާ ފަދަ ވިސާ ތަކުގެ ދަށުން އަންނަ ބިދޭސީންގެ ސަބަބުން ބަލިތައް ފެތުރެމުންދާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި އަހަރަކު އެއްފަހަރު ނުވަތަ އޮން އެރައިވަލްގައި މެޑިކަލް ޗެކަޕް ހަދަން ޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. ބިދޭސީން ރާއްޖެ އައުމަށްފަހު ހަދާ މެޑިކަލް ޗެކަޕަށް މިހާރު ދީފައިވާ 30 ދުވަހުގެ މުއްދަތު 15 ދުވަހުގެ މުއްދަތައް ކުޑަކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިހާރު ރާއްޖެ އައިސް އެއް އަހަރުވެފައިވާ ބިދޭސީންގެ ތެރެއިން މެޑިކަލް ޗެކަޕް ހަދާފައި ނުވާ މީހުން ހަމަސް ދުވަސް ތެރޭގައި މެޑިކަލް ޗެކަޕް ހަދަން ޖެހޭ ގޮތަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ބިދޭސީންގެ މެޑިކަލް ޗެކަޕްގައި މިހާރު ހިމެނޭ މައިގަނޑު ހަތް ކަންތައް

  • ވީޑީއާރުއެލް: ޖިންސީ ގުޅުމުގެ ސަބަބުން އަރާ ސިފިލިސް ނަމަކަށް ކިޔާ ބައްޔަށް ޓެސްޓުކުރަން
  • އެޗްބީއެސްއޭބީ: ހެޕަޓައިޓިޓިސް ބީ އަށް ޓެސްޓުކުރަން
  • ޓީބީ ހުރިތޯ ބަލަން މޭގެ އެކްސްރޭ
  • ފިޒިކަލް އެގްޒަމިނޭޝަން
  • އެޗްއައިވީ
  • ޓީސީ
  • އެޗްބީ

އެންޑެމިކް ސަރަހައްދުތަކުން އަންނަ މީހުން ބިޒްނަސް ވިސާ އަލުން އާކުރާނަމަ މެޑިކަލް ޗެކަޕް ހަދަން ޖެހޭނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ހެލްތު މިނިސްޓްރީން އަންގާ މިންގަޑުތަކާއި ކަނޑައަޅާ ތަންތަނުން އެކަނި މެޑިކަލް ޗެކަޕް ހަދަން ޖެހޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މެޑިކަލް ޗެކަޕްގެ ޓެސްޓުތަކުގެ ތެރެއަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަން ކުރުމުގެ ހުއްދަ ހެލްތް މިނިސްޓްރީއަށް ވާނީ ދީފަ" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މިހާރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރެގިއުލައިޒް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަންވެސް ކުރަމުންދާ ކަމަށެވެ. އަދި އެމީހުންވެސް މެޑިކަލް ޗެކަޕް ހެދުމަށް ލާޒިމްކުރާނެ ކަމުގައި ވިދާޅުވި އެވެ.