ސްކޫލު ބަންދާ ދިމާކޮށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މާލޭގެ މަގުތަކުގައި އާންމުކޮށް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވާނެ ކަމަށެވެ. މާލޭގެ މަގުތަކުގައި ހާއްސަކޮށް އެންމެ މީހުން ގިނަވާ ވަގުތުތަކުގައި އާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކާއި މާލޭގެ މަގުތައް އެންމެ އަމާންވާ ވަގުތުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން މަގުތައް ބަލަހައްޓާނެ ކަމަށްވެސް ބުންޏެވެ.
މާލޭގެ އެކި ހިސާބުތަކުގައި ވިސީޕީ ޖަހައިގެން މިހާރަށް ވުރެ ބޮޑަށް މަގުތައް މޮނީޓާ ކުރަމުން ގެންދިއުމަށްވެސް ފުލުހުން ނިންމާފައިވެ އެވެ. އަދި ކަނޑު އުޅަނދުފަހަރު ބަލައި ފާސްކުރުމާއި ގަވާއިދާ ހިލާފަށް މުދަލާއި މީހުން އަރުވައިގެން އުޅަނދު ނުދުއްވުމަށް ނަސޭހަތްތެރިވެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު މި އޮޕަރޭޝަންގެ ތެރެއިން ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ޗެކުކުރުމާއި އެއްގަމު އުޅަނދުތަކުގެ ހާލަތު ބެލުމާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ދުއްވާ އުޅަނދުތައް ދެނެގަނެ އެކަން ވަކި ތަރުތީބެއްގެ ތެރެއިން ކުރިއަށް ގެންދެވޭ ގޮތަށް މަސައްކަތްތައް ބައްޓަން ކުރާނެ ކަމަށެވެ. އަތޮޅު ތެރެއިން މާލެ އަންނަ މީހުންނާއި މާލެއިން ފުރާ މީހުން ފުރަންދާ ވަގުތުތަކުގައި މަގުތައް ބާރުބޮޑުވާނެ ކަމަށް ބެލެވޭތީ މީހުންނަށް ދަތިނުވާނެ ގޮތަށް ސަމާލުކަންދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދެމުން ދާނެ ކަމަށްވެސް ބުންޏެވެ.
މި އޮޕަރޭޝަންގައި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ހިއްސާކުރުމަށްވެސް ފުލުހުން ނިންމާފައިވެ އެވެ. އެގޮތުން އަވައްޓެރި ފުލުހުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި ކުށުގެ ވެށިން ރައްކާތެރިވުމަށް ކުރެވޭނެ ކަންތައްތަކާއި ހާއްސަ ގޮތެއްގައި ޗުއްޓީއަށް ފުރައިގެން ދާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދެމުން ގެންދިއުމަށްވެސް ހަމަޖެހިފައިވެ އެވެ.
އެގޮތުން ފުރައިގެން ދާއިރު ގެ ރަނގަޅަށް ތަޅުލެވިފައިވޭތޯ ޔަގީން ކުރުމުށާއި ދިގު މުއްދަތަކަށް ފުރައިގެންދާނަމަ އިތުބާރުކުރެވޭ މީހަކާ ގޭގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކުރުމަށާއި ގޭތެރެ އެއްކޮށް އަނދިރިކޮށްފައި ނުބެހެއްޓުމަށާއި އަގުބޮޑެތި މުދަލާއި ފައިސާ ދޫކޮށްފައި ދާއިރު ވިސްނަންޖެހޭ ކަންތައްތަކުގެ އިރުޝާދު ދެމުންގެންދާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި ޗުއްޓީ ދުވަސްވަރު އާއިލާތަކުން އުފާވެރި ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ އެކި ދިމާތަކަށް ދަތުރު ދިއުންފަދަ ކަންކަން ކުރާއިރު އަގުބޮޑެތި މުދާ ގެންދާނަމަ އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތައް އިންތިޒާމު ކުރުމަށް މައުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.
މީގެއިތުރުން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމަށާއި ބޭރު ފައިސާ ގަނެވިއްކުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުންވެސް ފުލުހުންގެ އޮޕަރޭޝަންގެ ތެރެއިން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި އިންޓަނެޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަމުންދާ ކުށްތައް އިތުރުވަމުން ދާތީ އެކަންކަމުން ރައްޔިތުން ރައްކާތެރިކުރުމަށްވެސް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވެ އެވެ. އާ އަހަރު ފާހަގަކުރުމުގައި ޖީނާއީ ކުށްތައް އިތުރުވިޔަ ނުދިނުމަށާއި އެފަދަ ކުށްތައް ހިންގާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހާރު ކުރިއަށްދާ ސްކޫލު ބަންދު ނިމެންދެންނެވެ.
ފުލުހުން އިތުރަށް ބުނީ މި އޮޕަރޭޝަންގައި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅޭނެ ފަދަ ކަންކަން ނުކުރުމަށާ އަދި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ގޮތަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.