އަވަސް ވީކެންޑް

ޗެމްޕިއަނެއް ހިޔަނިން ނުކުމެ ވިދައި ބަބުޅަނީ!

  • މިހާރުގެ އަމާޒަކީ ބޭރުން ގޯލްޑް މެޑަލް ކާމިޔާބުކުރުން
  • ދެކޮޅު މީހުން ގިނަވުމަކީ އުފާކުރާ ކަމެއް
  • ހެދުން އެޅުމުގެ ސްޓައިލް ބަދަލުކޮށް ބުރުގާ އަޅަން ވިސްނަން

އޭނާ އަކީ ޗެމްޕިއަނެކެވެ. އެކަމަކު އޭނާގެ މި ކާމިޔާބީ އަށް ވުރެ ބޮޑީ އަދި އަބަދުވެސް ބޮޑުވެފައި އޮތް ކާމިޔާބީ އަކީ އޭނާގެ މަޝްހޫރު ބޭބެ އާއި މި ކުޅިވަރެއްގައި ވިދައި ބަބުޅަމުން އަންނަ އޭނާގެ ސުޕަސްޓާރުންގެ އާއިލާއެވެ. އައިޝަތު އަފްނާން ރަޝީދުގެ މި "ކޮލިޓީ" އަށް މިއޮތްހާ ދުވަހު އެޅިފައި އޮތް ހިޔަންޏަކީ އޭނާ އަށް ވުރެ މަޝްހޫރު އޭނާގެ އާއިލާގެ ކާމިޔާބީތަކެވެ.

މެޑައްޔާއި ތަށީގެ ރޭހުގައި އަފްނާން ދުވަހަކަށް ވުރެ ދުވަހެއް ކުރިއަށް ޖެހި ވާދަވެރި އެހެން ބެޑްމިންޓަން ކުޅުންތެރިންގެ ލޮލުކޮޅަށް ގެއްލެމުން ދިޔަ ނަމަވެސް އޭނާ ހޯދަމުން އަންނަ އާދަޔާހިލާފު މި ކާމިޔާބީގެ ވާހަކަ އެގޮތުގައި ލިޔަން ބޭނުން ނުވާ ބަޔަކު ވެސް އެބަތިއްބެވެ. ބައެއް ފަރާތްތަކުން ބުނަނީ އަފްނާން ޗެމްޕިއަންގެ މެޑަލް ޖަހާލައިގެން ހުއްޓަސް އޭނާ އަށް ވުރެ ހުނަރުގެ ގޮތުން މާ މޮޅެތި ކުޅުންތެރިން މި ކުޅިވަރުގައި އެބަތިބި ކަމަށެވެ.

އެހެން ނަމަވެސް އުމުރުން 23 އަހަރުގެ މި ކުޅުންތެރިޔާ ބުނަނީ ބެޑްމިންޓަންގައި ނަސީބެއް ނޯންނަ ކަމަށެވެ. އެހެންވީމަ ތިރީގައި މި އޮތީ އެ ނަސީބާ ނުލައި އަފްނާން މި ކުޅިވަރުގެ ބޮންތި އަށް އެރިގޮތާއި އެ ކާމިޔާބީގައި ހިފަހައްޓައިގެން ހުރިގޮތް ވާދަވެރިންނާއި ފާޑުކިޔުންތެރިންނަށް ވެސް ބުނެލަން ބޭނުންވާ ވާހަކަތައް ކިޔައިދިން "އަވަސް ވީކެންޑް" ގެ ހާއްސަ އިންޓަވިއު އެވެ.

އަޅުގަނޑުމެންގެ މި ސީރީޒްގައި ޗެމްޕިއަނަކާ މި ދިމާވީ އަލަށް. އަފްނާން ތިއީ ބެޑްމިންޓަންގައި ރާއްޖޭގެ އެއް ވަނަ އަންހެން ކުޅުންތެރިޔާ. އެހެންވީމަ އެންމެ ފުރަތަމަ ވެސް ކިޔައިދީ ބަލަ ޗެމްޕިއަނަކަށް ވުމުގެ ހާއްސަކަމާއި ޗެމްޕިއަނަކަށް ވުމަށް ވާން ޖެހޭ ގުރުބާނީތަކުގެ ވާހަކަ؟

"ޗެމްޕިއަނަށްވީމަ ވަރަށް ބައިވަރު ރެސްޕޮންސިބިލީސްތަކެއް އާދޭ. އެހެން ކުދިންނަށް ނަމޫނާއަކަށް ވެސް ވާން ޖެހޭ. ޑިސިޕްލިން މެއިންޓެއިން ކުރަން ޖެހޭނެ ބަރާބަރަށް. ޕްރެކްޓިސް ކުރަން ޖެހޭނެ ބަރާބަރަށް. އަޅުގަނޑަށް ވުރެ ޖޫނިއާ ކުދިންނަށް ކިޔައިދޭން ވެސް ޖެހޭނެ. އެންމެން ވެސް ބަލާ ކުއްޖަކަށް ވާނީ ނަމްބަ ވަން. ވަރަށް ބޮޑު ރެސްޕޮންސިބިލިޓީއެއް. ރާއްޖެ ތަމްސީލުކުރަން ބޭރު ގައުމުތަކަށް ދެވޭތީ ވެސް ވަރަށް އުފާވޭ."

މިކަހަލަ އާދަޔާހިލާފު ދަތުރެއްގައި އަފްނާންގެ އެންމެ މުހިންމު ބައިވެރިޔަކީ ކޮބައިތަ؟ މި ކާމިޔާބީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ބަޔަކީ ކޮބާ؟

"އަޅުގަނޑު މިހިސާބަށް އަންނަން މަންމަ އާއި ބައްޕަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. މަންމަ އާއި ބައްޕަގެ އެ ސަޕޯޓާ ނުލައި މިހައި ހިސާބަކަށް ނުވެސް އާދެވޭނެ. ހަނދާން ހުރޭ އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް، އުމުރުން ހަތް އަހަރުން ފެށިގެން ކުޅުނު ހުރިހާ ޓޫނަމެންޓެއްގައި، ރާއްޖޭގައި ނަމަ މަންމަ އާއި ބައްޕަ ނެތް އެންމެ މެޗެއް ވެސް ދޫކޮށްލާފައެއް. އަބަދުވެސް ދެ މީހުން އެކުގައި ތިބޭނެ."

"ރާއްޖޭގެ މިހާރުގެ ޗެމްޕިއަންގެ ގޮތުގައި ހުރި ދޮންބެ (އަޖުފާން) ވެސް އަބަދުވެސް ކައިރީގައި، ގާތުގައި ހުންނާތީ ވަރަށް ބޮޑު ހިތްވަރެއް ލިބޭ."

ބުނެވިދާނެތަ އަފްނާންގެ އާއިލާގައި މޮޅު ކުޅުންތެރިން ތިބޭނީ އަފްނާން ވެސް ބެޑްމިންޓަން އަށް މޮޅީއޭ. ނުވަތަ މި ކާމިޔާބީގެ ހަގީގީ ކްރެޑިޓް ދަނީ އަފްނާންގެ އާއިލާގެ ހުނަރުވެރިކަމަށޭ؟

"އާއިލާގެ ހިއްސާ މީގައި އޮވޭ ހަމަ ސަތޭކަ ޕަސެންޓަށް. އާއިލާ މީހުންނާ ހެދި އަޅުގަނޑު މޮޅުވަނީއޭ ބުނާ ވާހަކަ އަކީ ތެދެއްހެން ހީވަނީ. އަޅުގަނޑަށް ހީވަނީ އަޅުގަނޑު އަސްލު މޮޅުވީ ވެސް އާއިލާގެ މީހުންނާ ހެދިހެން. އަޅުގަނޑުގެ ޝާއިން ދައްތަ އަކީ ހަތް ފަހަރު ނެޝަނަލް ޓައިޓްލް ނަގާފަ ހުރީ. ކަޒިން ބޭބެ މަމްދޫން ރަޝީދު ވެސް އެ ވަނީ ނެޝަނަލް ޓައިޓްލް ނަގާފައި. ބޭބެ އަޖުފާން މިހާރު އެނެގީ ހަތް ވަނަ ފަހަރު ގައުމީ ޓައިޓްލް."

"އެހެންވީމަ އަޅުގަނޑަށް ބުނެވިދާނެ މިއީ އާއިލާގެ ފަރާތުން އައިސްފައި ހުރި ކަމެކޭ. ވަރަށް ޕްރައުޑްވޭ ހުރިހާ ރަޝީދު ކުދިން ދެކެ. ޕްރައުޑް ރަޝީދުސް ކިޔަނީ ވެސް. ހުސް ޗެމްޕިއަންސުން އުޅޭތީ ގިނަ ކުދިން ކިޔަނީ ވެސް ޕްރައުޑް ރަޝީދްސް."

މިހާ އަން ޕޮޕިއުލާ ކުޅިވަރެއް އަފްނާން ނުވަތަ ތިއާއިލާގެ ނުފޫޒުން ރާއްޖޭގައި މަގްބޫލު ކުޅިވަރަކަށް ބަދަލުކޮށްލެވިދާނެ ކަމަށް ގަބޫލުކުރެވޭތަ؟ އަދި މިފަދަ ކުޅިވަރަކަށް އަފްނާން ޝައުގުވެރިވި ގޮތް ވެސް ކިޔައިދީ ބަލަ؟

"ފެމިލީ މީހުން ކުޅޭތީ މި ކުޅިވަރަށް ވަނީ. ވަރަށް ލޯބިޖެހިފައި ހުރީ މި ކުޅިވަރަށް ޕޮޕިއުލާ ނޫނަކަށް. އެކަމަކު މިހާރު އަޅުގަނޑު ގަބޫލެއް ވެސް ނުކުރާނަން ބެޑްމިންޓަން އަކީ ޕޮޕިއުލާ ނޫން ކުޅިވަރެއް ކަމަކަށް ރާއްޖޭގައި. މިހާރު އަސްލު ވަރަށް ޕޮޕިއުލާ. ހީވަނީ އަޅުގަނޑާއި އަޖުފާން ފަދަ މީހުންނާ ހެދިހެން މިވަރަށް ޕޮޕިއުލާ ވަނީ ވެސް."

"ކުރީގައި ޕޭރެންޓުން އެމީހުންގެ ކުދިން ނުފޮނުވާނެ ޕްރެކްޓިސްއަކަށް ވެސް ކިޔަވަމުން ދާކަށް. އެކަމަކު އަޅުގަނޑުމެން ބޭރު ގައުމުތަކަށް ގޮސް ތަމްރީން ހަދައިގެން އައިސް ނެރޭ ނަތީޖާތައް ފެނިގެން މިހާރުގެ އާ ކުދިންނަށް ގިނަ ފުރުސަތުތަކެއް ދޭ އެންމެން ވެސް."

ތިފެންވަރުގެ ކުޅުންތެރިޔަކަށް ނުވަތަ ޕާސަނާލިޓީއަކަށް ވުމަށް ބޭނުންވާ ޑިސިޕްލިން އަކީ ކޮބައިތަ އަދި އެ ޑިސިޕްލިންގައި އަފްނާނަށް ކިހާ ވަރަކަށް ހިފެހެއްޓޭހެން ހީވަނީ؟

"ޑިސިޕްލިންއޭ ބުނީމަ އެއީ ހަމަ އެކަނި ބަރާބަރަށް ޕްރެކްޓިސް އަށް އައުމެއް ނޫން. އެއީ ވަރަށް ބައިވަރު ކަންތައް. ގަޑިން ގަޑިއަށް ކާން ވެސް ޖެހޭނެ. ތިން މީލްސް ނަގަން އެބަޖެހޭ. ބަރާބަރަށް ފެން ވެސް ބޯން ޖެހޭ. ގަޑިއަށް ނިދަން ވެސް އެބަޖެހޭ. އެކަހަލަ ބައިވަރު ކަންތައް އެބަޖެހޭ ފޮލޯކުރަން ޑިސިޕްލިން ހިފަހައްޓާނަމަ. ޕަންޗުއަލް ވާން ޖެހޭ ކޯޗުންނަށް އެދޭ ރެސްޕެކްޓް ދޭން ޖެހޭ."

"އެހެންވީމަ އެކަހަލަ ބައިވަރު ކަންތައް ފޮލޯކޮށްގެން ރަނގަޅު ޕްލޭޔަރަކަށް ވެވޭނީ."

ކޮބައިތަ އެންމެ އުނދަގޫ އެކަމަކު އެ މެޗެއް ކާމިޔާބުކުރެވިގެން އެންމެ ބޮޑު އުފަލެއް ލިބުނު މެޗަކީ؟

"އެއީ މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރީޔޫނިއަން އަށް ގޮސް ރީޔޫނިއަންގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅުނު މެޗެއް. އެ މެޗުގައި ތިން ސެޓަށް ގޮސްގެން ކިރިޔަ ކިރިޔާ ވަރަށް ހާލުން. އަދި ދެކޮޅަށް ކުޅުނު ކުއްޖާ އަކީ އަޅުގަނޑަށް ވުރެ އިސްކޮޅުން ވެސް ވަރަށް ދިގު ކުއްޖެއް. އެ މެޗުގެ ކުޅުން ބައިގަޑިއިރަށް ވުރެ ވެސް މައްޗަށް ދިޔަ."

"އެއީ ވަރަށް ބޮޑު އެކްސްޕީރިއަންސެއް. އެކަހަލަ އެކްސްޕީރިއަސް ލިބުނީމަ ވަރަށް އުފާވެސް ވޭ އަދި އެ ދުވަހު މޮޅު ވެވުނީމަ އެވީ އުފަލުން ސަޖިދަ ވެސް ޖަހާލާ ކޯޓަށް އުމްމައެއް ވެސް ދިނިން. އެހާ ވެސް އުފާވި ދުވަހެއް އެއީ."

މީހުން ބުނޭ އަފްނާންމެންނަށް ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ހޯދައިދޭ ފުރުސަތުތަކާ އަޅާބަލާއިރު ނަތީޖާ ނެރޭ މިންވަރު ދަށޭ. ހާއްސަކޮށް އަފްނާން ފަދަ ކުޅުންތެރިންނަށް ރާއްޖެ އިން ބޭރުގައި ތަމްރީން ހެދުމުގެ ގިނަ ފުރުސަތުތަކެއް ލިބޭއިރު އެއާ އެއްވަރުގެ ނަތީޖާއެއް އަސްލު ނުދެއްކެއޭ. އަފްނާން ގަބޫލުކުރަންތަ މި ވާހަކަ؟

"އަސްލު ޓްރެއިނިން ކުރެވޭ ވަރާ ބަލާފަ ޕާފޯމެންސް ކުޑަކޮށް ދަށްވެދާނެ. އެކަމުވެސް ދެކޮޅަށް ކުޅޭ ކުދިންނާ ބަލާފަ ރަނގަޅުކަންނޭނގެ. މިހާރު ވާ ގޮތަކީ ކޮންމެ އޮޕޯނެންޓެއް ޖެހުނަސް ބިރެއް ނުގަނޭ. ރަނގަޅު ފައިޓެއް ދެވޭތީ އުފާވޭ. އެހެން އެވަނީ ވެސް ބޭރުގައުމުތަކަށް ގޮސް ތަމްރީން ހެދޭތީހެން ހީވަނީ. ކުރިން މި ކޮޅުގައި ޓްރެއިނިންކޮށްގެން ނެރެވޭ ރިޒަލްޓާ މިހާރު ބޭރުގައި ޓްރެއިންކޮށްގެން ނެރެވޭ ރިޒަލްޓް ތަފާތު."

"އެހެންވީމަ މިދާ ގޮތަށް ދެވޭ ނަމަ ގޯލްޑް މެޑަލް ވެސް ނެގޭނެ. އިންޝާﷲ!"

އަފްނާންގެ ބޭބެ އަޖުފާން އަކީ ފިރިހެން ސިންގަލްސް ޗެމްޕިއަން ބެޑްމިންޓަންގައި. އަދި މީގެ ކުރިން ވެސް ހަ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވޭ އެ ތަށި. ކޮންމެއަކަސް ވަރަށް އާދަޔާހިލާފު ކާމިޔާބީއެއް. ބުނެވިދާނެތަ އަފްނާން ތިހުންނަނީ އަޖުފާންގެ އެ ކާމިޔާބީގެ ދަށުވެ ގެއްލިފައޭ؟ ބޭބެގެ ކާމިޔާބީގެ ހިޔަނި އަފްނާންގެ ކެރިއަރަށް އޮންނަނީ އެޅިފައޭ؟

"އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑުގެ ބޭބެ ވަރަށް މޮޅު ކަމަށް. އެހިސާބަކަށް އަދި އަޅުގަނޑަށް ނުވެސް ދެވޭ ކަމަށް. ދެން ފެމިލީގެ ޝެޑޯގައި އަޅުގަނޑު މި ހުންނަނީ ގެއްލިފައޭ ބުނާ ވާހަކަ އަޅުގަނޑު ގަބޫލެއް ނުކުރަން. ހާއްސަކޮށް ދޮންބެ (އަޖުފާން) އާ ހެދިއޭ ބުނާ ވާހަކައެއް."

"އަޅުގަނޑަށް ހީވަނީ މިހާ ހިސާބަށް އަޅުގަނޑަށް އާދެވިފައި މިހުރީ ހަގީގަތުގައި އަމިއްލަ މަސައްކަތުންހެން. އެއީ ބެޑްމިންޓަން އަކީ އިންޑިވިޖުއަލް ސްޕޯޓެއް. ބޭރުގައި ތިބެގެން ބައިވެރި މީހުންނަށް ސަޕޯޓްކުރެވިދާނެ އެކަމަކު އެތެރޭގައި ހުރެގެން އެ ދައްކާ ޕާފޯމެންސް ދެއްކޭނީ އަޅުގަނޑަށް އެކަނި. އެހެންވީމަ އެންމެންގެ ސަޕޯޓް ލިބިގެން އަމިއްލަ މަސައްކަތުން މިހިސާބަށް މި އާދެވުނީ."

ވަކިވަކި އަންހެން ކުޅުންތެރިންނަށް ބަލާއިރު، ބެޑްމިންޓަންގެ އަންހެން ސިންގަލްސްގެ ކުރީގެ ޗެމްޕިއަނެއް ކަމުގައިވާ ޝަހުރުނާޒް އާއި އަފްނާންއާ ދެމެދު އޮންނަ ވާދަވެރިކަން ކޯޓުގައި އަދި ކޯޓުން ބޭރުން ވެސް ފެންނަ ފަހަރު އާދޭ. ކުޅުންތެރިއެއްގެ ގޮތުގައި އަދި ދަންނަ މޫނެއްގެ ގޮތުގައި ޝަހުރުނާޒް ސިފަކުރާނީ ކިހިނެތް އަފްނާން؟

"ޝަހުރުނާޒް އަކީ އަޅުގަނޑުގެ ރޫމް މޭޓެއް ބޭރު ގައުމުތަކުގައި ތަމްރީން ހަދާއިރު. އެކުގައި ޓްރެއިންކޮށް ވަރަށް ހެލްޕްފުލް ކުއްޖެކޭ ބުނެވޭނީ އޭނާ އަކީ."

"އެކަމަކު ކުޅުންތެރިއެއްގެ ގޮތުގައި ބަލާއިރު އަދި ކުޅޭއިރު ދުވަހަކުވެސް ޝަހުރުނާޒަކަށް އަޅުގަނޑު ބީޓެއް ނުކުރެވޭ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ޝަހުރުނާޒަށް އެ ލެވެލް އަށް އާދެވުނު ކަމަކަށް ވެސް އަޅުގަނޑު ބީޓްކުރެވޭ ހިސާބަކަށް. އަދި ހީއެއް ނުވޭ ކުރިއަށް އޮތް ދެ އަހަރު ވެސް ބީޓްކުރެވިދާނެހެން."

އެކަމަކު ބައެއް މީހުން ބުނޭ ހުނަރުގެ ގޮތުން ބަލަނީ ނަމަ އަފްނާނަށް ވުރެ ޝަހުރުނާޒް މާ މޮޅޭ. އަފްނާނަށް ގަބޫލުކުރެވޭ ވާހަކައެއްތަ އެއީ؟

"ޓެލެންޓް ވައިސްކޮށް އަޅުގަނޑަށް ވުރެ ޝަހުރުނާޒް މޮޅު ކަމަށް ބުނާ ވާހަކަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ޝަހުރުނާޒް އަޅުގަނޑަށް ވުރެ ވަކި މޮޅެއް ނުވާނެ. އެއީ އަޅުގަނޑު ނެތް މިހާތަނަށް ދުވަހަކު ވެސް ޝަހުރުނާޒް އަތުން ބަލިވެފައެއް ވެސް. ދެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބެޑްމިންޓަން އަކީ ލަކީވެގެން ކުރިއަށް ދެވިދާނެ ކުޅިވަރެއް ނޫން. އަމިއްލަ އަށް މޮޅުވެގެން ކުރިއަށް ދެވޭނީ މީގައި."

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޝަހުރުނާޒަކަށް އަޅުގަނޑު ބީޓެއް ނުކުރެވޭނެ ކުރިއަށް އޮތް ދެ ތިން އަހަރު ތެރޭގައި ވެސް އަދި. އެއީ އަޅުގަނޑު އަބަދުވެސް އޭނާ ބަލިކުރަން މިހާތަނަށް. އަޅުގަނޑުގެ ލެވެލްއަކާ ހަމައަކަށް އަދި ޝަހުރުނާޒަކަށް ނާދެވޭހެން ހީވަނީ. ޝީ ނީޑްސް ޓް ވޯކް ހާޑް."

"ޝަހުރުނާޒަށް ޓައިޓްލް ލިބުނީ ވެސް ޖޫނިއާ ކުދިންނާ ކުޅެގެން. އެފަހަރު ވީގޮތަކީ އަޅުގަނޑު ވެސް ހުރީ މެލޭޝިއާގައި ޓްރެއިނިން ދަތުރެއްގައި ގޮސް. އޭރު އަދި މައިސާ ވެސް ހުރީ އަޅުގަނޑާ އެކު ޓްރެއިނިން ހަދަން ގޮސް. ދެން އެނބުރި އައި ގޮތަށް ޝަހުރުނާޒް ބީޓް ކޮށްފައި ގޮސް އެފަހަރު އަޅުގަނޑު ޓައިޓްލް ނެގީ ވެސް. އޭނާ ބަލިކުރީ ވެސް ސެމީފައިނަލްގައި އަދި."

އެހެންވީމަ ކުރިއަށް އޮތް ދެ ތިން އަހަރު އަފްނާން ބަލިކޮށްލެވޭ ފެންވަރުގެ ކުޅުންތެރިޔަކު އަންނަ ކަމުގެ އިހްސާސް އެބަކުރެވޭބާ އަނެއްކާ؟

"މިހާރު އެބަ އުޅޭ ވަރަށް ޔަންގް ޕްލޭޔަރެއް. ކުރިއަރަމުން އަންނަ 16 އަހަރުގެ ކުޅުންތެރިއެއް އެއީ. އޭނާ އަކީ މައިސާ. އޭނަ މިހާރު އެ ވަނީ ޝަހުރުނާޒް ވެސް ބީޓްކޮށްފައި. އެއޮތް ކުޑަ ކުއްޖާ. އެހެންވީމަ އޭނަ އެބައަރާ ކުރިއަށް. އަޅުގަނޑާ ވެސް ކޮމްޕީޓް އެބަކުރޭ މިހާރު. އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތްތާނގައި ފެނިގެންދާނެ ތަރިއަކީ އެ ކުއްޖާހެން. އަޅުގަނޑާ ވެސް ވާދަކުރެވޭ ރަނގަޅު ފައިޓެއް ދެވޭ ވަރުގެ ކުއްޖަކަށް."

އަފްނާން ތިބުނަނީތާ މި ކުޅިވަރުގައި ލަކެއް ނޯންނާނެއޭ. މިއީ ތިމަންނަގެ އަމިއްލަ މަސައްކަތާއި ހާޑް ވޯކޭ. އެހެންވީމަ ގަބޫލުކުރަންތަ ޗެމްޕިއަންގެ ތި ކާމިޔާބީ އަކީ ހައްގު މަގާމެއް ކަމަށް؟ ތިއީ ހައްގު ޗެމްޕިއަން ކަމަށް ގަބޫލުކުރަންތަ؟ އެއީ ބައެއް މީހުން ބުނޭ އަފްނާން ވެސް މޮޅުވުމުގެ ފަހަތުގައި ނަސީބު ވަރަށް ބޮޑޭ.

"އަޅުގަނޑު ޗެމްޕިއަނަކަށް މި ބަދަލުވީ އަޅުގަނޑުގެ އަމިއްލަ މަސައްކަތުން. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވޭ އަޅުގަނޑަކީ ޗެމްޕިއަންއެއް ކަމަށް. މިދިޔަ ތިން އަހަރު ތެރޭގައި ވެސް އަޅުގަނޑު ބީޓެއް ނުކުރެވޭ އެހެން ކުޅުންތެރިޔަކަށް. އަދި ހީއެއް ނުވޭ އަވަސް މުސްތަގުބަލެއްގައި ވެސް އަޅުގަނޑު ބަލިކުރެވޭނެ ކަމަކަށް. ސަބަބަކީ އެކުދިން ލާ އެފަޓްގެ ޓްރިޕްލް އެފަޓް އަޅުގަނޑު ލާނަން."

ޝަހުރުނާޒްއާ އަފްނާންއާ ދެމެދު މީގެ ކުރިން ނިކަން މައްސަލަ ބޮޑު ވާހަކައެއް ވެސް އަޑުއިވުނު. ހާއްސަކޮށް އަފްނާން ފަދަ ކުޅުންތެރިޔަކު ހުއްޓައި ޝަހުރުނާޒަށް ބައެއް ކަހަލަ ފުރުސަތުތަކެއްދީގެން ހިތްހަމަނުޖެހުން ފާޅުކޮށްފައި އެބަހުރި ކަމަށް ބުނެވޭ. ތި ދެ މީހުންގެ ދެމެދުގައި އޮތީ ކިހާވަރެއްގެ ވާދަވެރިކަމެއް؟

"އަޅުގަނޑަށް ހީވަނީ ޝަހުރުނާޒްއާ އަޅުގަނޑާ ދެމެދު ކޯޓު މަތީގައި ވާދަވެރިކަމެއް އޮތަސް ކޯޗުން ދަސްކޮށްދީފައިވާ ގޮތުން ޕާސަނަލް ލައިފްގައި ނޯންނާނެ އެފަދަ އެއްވެސް ކަހަލަ ހަސަދަވެރިކަމެއް. އަބަދު އެއްކޮށް އުޅޭތީއާ ވެސް އެކު. އަސްލު ނެތްކަން ނޭނގެ އަޅުގަނޑު ޝަހުރުނާޒާ ޖައްސާލަންވީ ސަބަބެއް ވެސް. އަދި މިވަގުތު ޗެމްޕިއަނަކީ ވެސް އަޅުގަނޑު."

އަފްނާން އެހެން ކުދިންނަށް ވުރެ މޮޅީ އާންމުކޮށް ޓްރެއިނިންތަކުގައި ބޭރު ގައުމުތަކަށް ދިއުމުގެ ފުރުސަތު ލިބޭތީ ކަމަށް ބައެއް މީހުން ބުނޭ އަދި އެފަދަ ފުރުސަތުތަކެއް އެހެން ކުދިންނަށް ލިބޭ ނަމަ އެ ކުދިން ވެސް ތިވަރަށް ރަނގަޅުވާނެ ކަމަށް ބުނޭ. ކިހާ ވަރެއްގެ ހަގީގަތެއްތަ މިއީ؟

"ހީއެއް ނުވޭ އަޅުގަނޑަށް މި ފުރުސަތުތައް ލިބޭތީ އެއްވެސް މީހަކު އަޅުގަނޑާ މެދު ހިތްހަމަނުޖެހިދާނެހެނެއް. އެންމެނަށް ވެސް އެނގޭނެ އެހާ ހާޑް ވޯކްކޮށްގެން ޑިޒާވްކުރާތީކަން އަޅުގަނޑަށް މި ފުރުސަތު ލިބެނީ. އަބަދުވެސް ފަސްޓް އޮޕްޝަން އަކަށް އަޅުގަނޑު ހުންނަނީ އެހެންވެގެންކަން."

"ދެން އެހެން ކުދިންނަށް ވެސް ފުރުސަތު އެ ލިބެނީ އެ ކުދިން ވެސް ހާޑްވޯކް ކުރާތީ. އެކަމަކު ފުރަތަމަ އޮޕްޝަން އަކަށް އަޅުގަނޑު ހުންނަނީ އަޅުގަނޑަށް އެކަން ހައްގުވާތީ އަބަދުވެސް."

އަފްނާންގެ ހިޔާލުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔަކީ ކާކު؟

"ކުރިއަކުން ނެތް އަޅުގަނޑަކަށް ފާހަގަކުރެވިފައެއް އެފަދަ ކުޅުންތެރިޔަކު. އަޅުގަނޑަށް އެންމެ ފާހަގަކުރެވެނީ ބޭބެ (އަޖުފާން). އެކަމަކު ކޮންމެހެން ދޮންބެއަށްވީމަކާ އެއްނޫން. އެއީ އެ ބުރަ މަސައްކަތް ވަރަށް ގާތުން ފެނިފައި ހުރީމަ. ވަރަށް ކައިރިން ފެނިފައި ހުރީމަ. ބައިވަރު މީހުން ކޮމްޕީޓްކުރާއިރު ހަތް ފަހަރު ކާމިޔާބުކުރުމަކީ އެހާ ފަސޭހަކަމެއް ވެސް ނޫން. ފައިނަލެއްގައި އެންމެނާ ދެކޮޅަށް ކުޅުމަކީ ކިހާ ވަރެއްގެ ކަމެއްކަން އެނގޭ އަޅުގަނޑަށް ވެސް."

އަބަދު އެކަކަށް ޗެމްޕިއަންކަން ލިބެންޏާމު ބައެއް މީހުން ބޭނުންވާ ބަދަލެއް ގެންނަން. ހުރިހާ ކަމެއްގައި ވެސް މި ވަނީ މިގޮތް. އެކަމަކު ޗެމްޕިއަން ބޭނުން ނުވާނެ އެ މަގާމު ދޫކޮށްލާކަށް ވެސް. ތިކާމިޔާބީ ތިގޮތުގައި ހިފެހެއްޓުމަކީ ކިހާ ވަރެއްގެ ޗެލެންޖެއް؟

"ޓައިޓްލް ހިފަހައްޓަން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަ ވާނެ. އެ ޕްރެޝާ ވަރަށް ބޮޑުވާނެ. ވަރަށް ގިނަ މީހުން، ދޭއި އޯލް ޓާން އެނގެއިންސްޓް ޔޫ އަސްލު ނަމްބަ ވަންއަކަށްވާ ހިސާބުން. ދެން އެންމެން ބޭނުންވާނީ އެހެން މީހަކު ނަމްބަ ވަންއަކަށް ލާން. އެހެންވީމަ ކުޅޭއިރު ވެސް ވަރަށް ޕްރެޝާ ހައިވާނެ. ކޫޅޭއިރު އޯޑިއެންސަށް ބަލާލާއިރު ވެސް އެންމެން ސަޕޯޓްކުރާ މަންޒަރު ފެންނާނީ އަލުގަނޑާ އިދިކޮޅަށް. އެގޮތަށް ކުޅެގެން މޮޅުވެގެން ލިބޭ އުފާ އަދި މާ ހާއްސަ"

"އަޅުގަނޑާ ދެކޮޅަށް ގިނަ މީހުން ސަޕޯޓްކުރާތީ އަޅުގަނޑު އަސްލު މާ ބޮޑަށް ހިތްހަމަޖެހޭ. އިތުރު ހިތްވަރެއް ލިބެނީ އޭގެ ސަބަބުން. އެންމެ ރަނގަޅީ ވެސް އެގޮތް. އެކަމަކު މަންމަ އާއި ބައްޕަ އާއި ދޮންބެ ތިބެނީ އަބަދުވެސް އަޅުގަނޑާ އެއްކޮޅަށް. އެހެން އެންމެން ހެޔޮ އަޅުގަނޑާ ދެކޮޅުވިޔަސް."

އަފްނާންގެ ނަޒަރުގައި ރާއްޖެ ދުށް އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔަކީ ކާކު؟

"އެގޮތަށް ފާހަގަކޮށްލާނީ ޝާޔަން ރަޝީދު. ހަތް ފަހަރަށް ގައުމީ ތަށި ކާމިޔާބުކޮށްފައިވާ ވަރަށް ޑިސިޕްލިން ވެސް ރަނގަޅު ކުޅުންތެރިއެއް. އަޅުގަނޑުގެ ދައްތައަކަށްވީތީ އަދި ވަރަށް އުފާވޭ. އައިޑޮލްއެއްގެ ގޮތުގައި ބަލައިގެން އަޅުގަނޑު ކުރިއަށް ދަނީ ވެސް."

ޗެމްޕިއަންގެ ގޮތުގައި މިހާރު މިއީ ތިން ވަނަ އަހަރު. މިހާ ދުވަހެއް ވަންދެން މިގޮތުގައި ހިފަހައްޓާލެވިދާނެހެން ހީވަނީ؟

"އަޅުގަނޑަށް ހީވަނި އަދި ކުރިއަށް އޮތް ދެ ތިން އަހަރަށް ވެސް މަސައްކަތްކޮށްލައިގެން ހިފަހައްޓާލެވިދާނެހެން. އަޅުގަނޑު ބޭނުން ދޮންބެ ބީޓްކުރަން. ހަތް ފަހަރު ދޮންބެ ވެސް ދައްތަ ވެސް ނެގި ޓައިޓްލް. އެހެންވީމަ ބޭނުންވޭ އެމީހުން ބީޓްކުރަން. ވަރަށް މަސައްކަތްކުރާނަން. ފަސޭހައެއް ނުވާނެ އެކަމަކު."

"އެކަމަކު ކުރިއަށް ދާން ބޭނުން ނަމަ އަދި ނެޝެނަލް ޓައިޓްލް ބޭނުން ނަމަ ވަރަށް ބުރަކޮށް މަސައްކަތްކުރަން. އަޅުގަނޑު ވެސް ބޭނުންވޭ ހަތް ފަހަރު މި ތަށި ނަގަން. އައި ޑޯންޓް ގިވް އަޕް ވިތައުޓް އަ ފައިޓް."

ތި ފޭމް އާއި ކާމިޔާބީ ހިފަހައްޓަން ނުވަތަ ދަމަހައްޓަން ކިހާ ވަރަކަށް ސަމާލުކަން ދެންތަ؟

"މި ފޭމް އާއި މި ހުރިހާ އެއްޗެއް ލިބުނީމަ މި ޑިސިޕްލިން މެއިންޓެއިންކުރަން އަޅުގަނޑު ހަދާގޮތަކީ ބޭކާރު ކަންތައް އެވޮއިޑްކޮށްލާފަ މީހުން ދައްކާ ފާޑުފާޑުގެ ވާހަކަތައް އިގްނޯކޮށްލަނީ. ދެން ވަކިން ހާއްސަކޮށް ބޭރު ގައުމުތަކުގައި ޓްރެއިނިން ހަދަން ލިބުމަކީ ވަކި ޑިސިޕްލިންއަކަށް އުޅެން ފަސޭހަކޮށްދޭ ވެސް ކަމެއް."

އަފްނާން އަކީ ކުރު ހެދުމަށް ވަރަށް މަޝްހޫރު ކުޅުންތެރިއެއް؟ މީހުން ބުނޭ އަފްނާން އަދި ހެދުން އަޅަނީ ބެޑްމިންޓަން ކުޅޭ އެހެން ކުދިންނަށް ވުރެން ވެސް ކުރުކޮށޭ. މީހުން ފާޑުވެސް ކިޔާ. ކޮބައިތަ އަފްނާންގެ ހިޔާލަކީ މީގައި؟

"ބޭރުގައި މުބާރާތްތައް ކުޅޭއިރު އެއީ ހަމަ މަސްޓެއް ސްކާޓްސް އާއި ޓީޝާޓްސް ލުން. އެހެންވީމަ ކުޅޭއިރު އަޅުގަނޑު ހުންނާނީ ވަރަށް ޕްރޮފެޝަނަލްކޮށް ޑްރެސްކޮށްލައިގެން. ފުލް ކިޓްގައި. އެކަމަކު ކުޅެ ނިންމާލުމަށް ފަހު ވަރަށް ބަލަން ކުރު އެއްޗެހި ވީހާ ވެސް ވަރަކަށް ނުލައިވޭތޯ. ދިގު އެއްޗެހި ލައިގެން (ބޮޑީ) ކަވާކޮށްގެން އުޅެން"

އެހެންވީމަ ހެދުން އެޅުމުގެ ސްޓައިލަށް ބޮޑު ބަދަލެއް އަތުވެދާނެތަ؟ މިސާލަކަށް ބުރުގާ އެޅުން ކަހަލަ ބޮޑު ބަދަލެއް އައިސްފާނެތަ؟

"މީހުން ފާޑުކިޔައިގެން ވަކި ހެދުން އެޅުމުގެ ސްޓައިލް ބަދަލެއް ނުކޮށްފާނަން. އަޅުގަނޑަށް އަމިއްލަ އަށް ވިސްނިގެން އަބަދުވެސް ކަންތައްތައް ބަދަލުކުރަނީ. ކުރު އެއްޗެހި ވެސް ކުޑައިރު ވަރަށް ގިނައިން ލަން. އެކަމަކު މިހާރު ވިސްނިގެން ކުޅެން ނޫން ނަމަ ބަލަނީ ކުރު ހެދުން ނުލައިވޭތޯ. އާންމުކޮށް ފެންނާނީ ވެސް ދިގުކޮށް ހުންނަ ހެދުން އަޅައިގެން އުޅޭ މަންޒަރު."

"ދެން ކޮންމެވެސް ހިސާބަކުން ބުރުގާ އަޅައިގެން ހުއްޓާ ވެސް ފެނިދާނެ. ބުރުގާ އަޅާނަން. ޕޯޝް ލައިފްސްޓައިލެއްގައި އުޅޭ ކުއްޖެއްގެ ގޮތުގައި މީހުން އަޅުގަނޑު ސިފަކުރިޔަސް އަޅުގަނޑަށް ހީވަނީ ބުރުގާ އަޅާ ނަމަ އަޅަން ޖެހޭނީ ބުރުގާ އަޅަން އޮންނަ ގޮތަށްހެން. ލޫޒްކޮށް ދިގު ޑްރެސް ލައިގެން. އެގޮތަށް އަޅުގަނޑު ވެސް އަޅާނީ ބުރުގާ އަޅާ ނަމަ. އެއްގޮތަކަށް ވެސް ބާރު ފިޓް ޖީންސް ލައިގެނެއް ނޫން."

ފިލްމީ ދާއިރާއާ ނިކަން ގުޅުން ބޮޑު މޫނެއް ތިޔައީ. ކުރިން އެބަހުރި ކުޑައިރު ޑްރާމާތަކުން ވެސް ފެނިފައި. އެކަހަލަ ފުރުސަތެއް މިހާރު ލިބިއްޖެ ނަމަ ސްކްރީނުން ބެލުންތެރިންނަށް ފެނިދާނެތަ؟

"ފިލްމު ކުޅުން އެއީ އަސްލު މުޅިން އެހެން ފީލްޑެއް އަޅުގަނޑާ އަޅާބަލާއިރު. އަޅުގަނޑު ލޯބިކުރަނީ ސްޕޯޓްސް އަށް. އެހެންވީމަ ޗާންސެއް ލިބުނަސް ފިލްމު ކުޅޭކަށް ނުވަތަ ލަވައެއް ކުޅޭކަށް ވެސް ބޭނުމެއް ނުވޭ. އެކަހަލަ ކަމެއް ނުކުރެވޭނެ. ނެވާ."

އަފްނާންގެ ތި ޗެމްޕިއަން ލައިފްގައި ކައިވެނީގެ ރަނގަބީލު ޖަހާހެން އެބަހީވޭތަ. ކިހާ ދުވަހަކުން ހެން ހީވަނީ ކައިވެންޏަށް ތައްޔާރުވާނީ؟

"މެރިޖާ ބެހޭ ގޮތުން އެއްޗެއް ބުނާ ނަމަ ބުނެވޭނީ އަދި ނުވިސްނަމޭ އެއްވެސް ވަރަކަށް މެރީކުރާކަށް. ވަރަށް ބޮޑަށް ބެޑްމިންޓަން އަށް ކޮމިޓްވެގެން މި އުޅެނީ. ހީއެއް ނުވޭ މެރިޖާ މެދު ވިސްނާ ނަމަ މިގޮތަށް ކުރިއަށް ދެވޭނެހެނެއް ވެސް. ފަހަރެއްގައި ގޯލްޑް މެޑަލްއެއް ނަގާފައި މި ކުޅިވަރުން ރިޓަޔާކޮށްފައިހެން ހީވަނީ ވިސްނާނީ މީހަކާ މެރީކުރަން. އަދި ނުވިސްނަން އެފަދަ ކަމަކަށް."

ހަޔާތުގެ ބައިވެރޔަކު ހޯދަން ބަލާއިރު ނުވަތަ ބޯއިފްރެންޑަކް ޗޫޒްކުރާއިރު ކޮން ކޮން ސިފަތަކަކަށްތަ އަފްނާން ބަލަނީ؟ ހަމައެކަނި ބޭރުފުށުން މި ފެންނަ ރީތިކަންތަ މުހިންމުވަނީ؟

"އަސްލު އަޅުގަނޑަށް ބޮޑަށް ކަމުދަނީ ފިރިހެން ކުދިންނަށް ބަލާއިރު ކަޅުކުދިން. ބޮލުގައި އިސްތަށި ހުރިއްޔާމު ރީތީ ވެސް. އެކަމަކު ދިމާވި ގޮތުން ދިމާވި ކުއްޖާ އަކީ އިސްތައްޓެއް ހުރި ކުއްޖެއް ނޫން."

"އެކަމަކު ލުކްސް މެޓާއެއް ނުކުރޭ އަސްލުގައި. ޕާސަނާލިޓީ މެޓާކުރަނީ އަސްލަށް ބަލާއިރު. އެހެންވީމަ އަޅުގަނޑު ބޯއިފްރެންޑެއް ޗޫޒްކުރިއިރު ބެލީ ރަނގަޅު ކުއްޖަކަށް ބޮލުގައި އިސްތައްޓެއް ނެތަސް. އަދި ކިތަންމެ ދޮންވިޔަސް."

އަފްނާންގެ ލައިފަށް އައިސް ގޮސްވީ ފިރިހެން ކުދިންގެ ތެރެއިން އެއްވެސް ކުއްޖަކަށް ބުނެވިދާނެތަ ރިލޭޝަންޝިޕް ފަނިވީ ނުވަތަ ދެ މީހުން ރުޅިވާން ޖެހުނީ އަފްނާނާ ހެދިއޭ؟

"ދެ ކުއްޖަކާ މިހާތަނަށް އަޅުގަނޑު ރައްޓެހިވީ. ދެން އަޅުގަނޑު ނުހުންނާނެ އެއްވެސް ކުއްޖަކަށް ބިޓްރެއިކޮށްފައެއް."

  • ފޮޓޯގްރެފީ: މިލްޒީރޯ ނިޝާން
  • ސްޓައިލިސްޓް: ނޫރާ
  • މޭކަޕް އާޓިސްޓް: ޖަސްޓިން
  • ވޯޑްރޯބް: ޗެޕްސް ރިޒާވްޑް
  • އެސިސްޓަންޓް: ޝިއުސް