މަކަރާއި ހީލަތުން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ގ. ސިނަމާލެ، ޒައިދާން މުހައްމަދު ހާޝިމުގެ ދަލުގައި ޖެހި ގެއްލުން ލިބުނު މީހުން އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ޒައިދާންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ހުރުމާ ގުޅިގެން އިތުރު މީހުންގެ އަތުންވެސް ފައިސާ ނަގާފައިވޭތޯ ބެލުމަށް ބޭނުންވާ ކަމަށެވެ.
މިފަދަ މައުލޫމާތެއް ދޭން ބޭނުންވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.
ޒައިދާންގެ ދަލުގައި އެތައް ބަޔަކު ޖެހިފައިވަނީ އެޕާޓްމަންޓް ކުއްޔަށް ނަގައި އަދި ކުއްޔަށް ދޭ މީހެއް ކަމަށް ބުނެ ހިންގާ ފައިސާގެ މުއާމަލާތެއްގެ ތެރެއިންނެވެ.
ސޯޝަލްމީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި ޒައިދާން ވަނީ ބައެއް މީހުންގެ އަތުން އެޕާޓްމަންޓް ކުއްޔަށް ނެގުމަށްފަހު އެތަންތަނުގައި ހުންނަ އަގު ބޮޑު މުދާވެސް ވެރިފަރާތަށް ނޭނގި ވިއްކާލާފަ އެވެ. އަދި ބައެއް އެޕާޓްމަންޓް ކުއްޔަށް ނެގުމަށްފަހު އެ ތަން އެކި މީހުންނަށް ކުއްޔަށް ދީގެން އެޑްވާންސް ފައިސާވެސް ހޯދާފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.
މިފަދަ އެތައް މައްސަލައެއްގައި ޒައިދާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރި ނަމަވެސް އޭނާ ކޮންމެވެސް ގޮތަކުން ސަލާމަތްވެ އަނެއްކާވެސް އެ ކުށް ތަކުރާރު ކުރާ ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.