ޖުމްހޫރީ ޕާޓީ

މަޖިލިސް އިންތިހާބު: ޖޭޕީގެ ޓިކެޓަށް ކުރިމަތިލުމަށް އިތުރު ވަގުތު ދީފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން އެ ޕާޓީގެ ޓިކެޓަށް ކުރިމަތިލުމަށް އިތުރު ވަގުތު ދީފި އެވެ.

ޖުމްހޫރީ ޕާޓީން މިފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ޖޭޕީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި އެ ޕާޓީގެ ޓިކެޓަށް ކުރިމަތިލުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް ޖެނުއަރީ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ޖޭޕީގެ ޓިކެޓަށް ކުރިމަތިލުމަށް އިތުރު ފުރުސަތު ދޭން ޖެހުނީ މިދުވަސްވަރަކީ ސްކޫލުތަކުގެ ޗުއްޓީ ދުވަސްވަރު ކަމަށްވާތީ ރާއްޖެއިން ބޭރަށާއި އަތޮޅު ތެރޭގެ އެކި ރަށްރަށަށް ގިނަ ބަޔަކު ދަތުރުކުރާތީ ކުރިން ދިން މުއްދަތުގައި ކަމާ ގުޅޭ ފޯމުތައް ހުށަހެޅުމަށް ބައެއް ބޭފުޅުންނަށް ދަތިތަކެއް ހުރުމުން ކަމަށް ޖޭޕީން ބުނެ އެވެ.

އިއުލާންގައިވާ ގޮތުން އެ ޕާޓީގެ ޓިކެޓް ހޯދުމަށް ހުށަހެޅޭނީ މަޖިލީހަށް ޝައުގުވެރިވާ އެކަމުގެ ގާބިލްކަން ހުރި އަދި މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ފުރިހަމަވާ މީހުންނަށް ކަމަށެވެ.

އިއުލާންގައި އިތުރަށް ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުން ހުށަހަޅާ ފޯމުތަކާއި ކަމާ ގުޅޭ ލިޔުންތައް ޖޭޕީގެ ކައުންސިލުން ކަނޑައަޅައި ކޮމިޓީއަކުން ބަލައި ވަޒަންކުރާނެ ކަމަށެވެ. ޖޭޕީގެ ޓިކެޓް ކަށަވަރު ވާނީ އޭގެފަހުން ކަމަށްވެސް ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ޖޭޕީން ވަނީ އެމްޑީޕީ އާއި ޕީއެންސީއާ ކުރިން މަޝްވަރާވެސް ކޮށްފަ އެވެ.