އުރީދޫ

އުރީދޫ ކަލަންޑަރުގައި އަތޮޅުތެރޭގެ ދުވުމެއް ހިމެނޭ ގޭމެއް

އުރީދޫ މޯލްޑިވްސް އަކީ މިފަހުން އެންމެ ތަފާތުކޮށް ކަލަންޑަރު ތައްޔާރުކޮށް ނެރޭ އެއް ކުންފުންޏެވެ. އުރީދޫ މޯލްޑިވްސް އިން ނެރޭ އަންނަ އަހަރުގެ ކަލަންޑަރު މިއަދު ވަނީ ނެރެފަ އެވެ. މިކަލަންޑަރުންވެސް ފެނުނީ އުރީދޫގެ ރޭވުންތެރިކަމާއި ހުނަރުވެރިކަމާއި އާވިސްނުމެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ މޯލްޑިވްސްގެ އަންނަ އަހަރުގެ ކަލަންޑަރު ނެރުނީ "އަތޮޅު ދުވުން" ނަމުގައި ގޭމެއް ހިމަނައިގެންނެވެ.

މިކަލަންޑަރު މިއަދު ނެރެދެއްވީ މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އެވެ.

ކަލަންޑަރާ އެކު ތައާރަފްކުރެވުނު "އަތޮޅު ދުވުން" ގޭމަކީ ހުރިހާ އުމުރުފުރާ އަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަ ޖޯންރާގެ ގޭމެކެވެ.

އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިޝްތިހާރު ކަމަށްވާ "ހަސަނަށް ފޯނެއް"ގެ ދަތުރު ގޭމްގައި ގެނެސްދޭއިރު ރާއީ ދުވެފައި ދަނީ ރާއްޖޭގެ އުތުރުން ދެކުނަށެވެ. މިދަތުރުގެ ތެރެއިން ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވަލެއް އަންލޮކް ވެގެންދެ އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ އުރީދޫ މޯލްޑިވްސް އަކީ ދިވެހިން އަދި ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ. ދިވެހި ބަހުން އެންމެ ފުރަތަމަ ފަހަރަށް ވައިބާ ސްޓިކަ ތައްޔާރުކޮށް އުރީދޫގެ ހާއްސަ ރަސްމީ ފޮންޓެއްވެސް ތައްޔާރުކުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އުރީދޫ އިން މިއަދު ތައާރަފްކުރީ ދިވެހިވަންތަ ގޮތަކަށް ދިވެހި ޒުވާނުން ފަރުމާކޮށް އުފައްދާފައިވާ ކަލަންޑަރެއް އަދި ގޭމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މުނިފޫހިފިލުވުމުގެ މިފަދަ ގޭމްތަކުންވެސް އެކަކު އަނެކަކާ އޮންނަ ގުޅުނަ ބަދަހިވެ، މި ގޭމުގައި ހިމެނިފައިވާ ރަށްތަކުގެ މައުލޫމާތު ބޭރުގެ އިތުރު ފަރާތްތަކަށް ފޯރުކޮށްދިނުމަށް އެހީވެދޭނެ. އެދެނީ ދިވެހިން ކުރިއެރުވުމަށް އަދި ފަންނިއްޔާތު ކުރިއެރުވުމަށް އޫރީދޫ އިން ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވީ މިކަލަންޑަރަކީ އަދި ގޭމަކީ ދިވެހިން ކުރިއެރުވުމަށް އަދި އީޖާދީ ޓެކްނޮލޮޖީ ކުރިއެރުވުމަށް އެ ކުންފުނިން ދޭ އަހުމިއްޔަތުކަން ވަރުގަދަ ކުރުމުގެ ހެއްކެއް ކަމަށެވެ.

ހާލިދު ވިދާޅުވީ މި ގޭމަކީ ރާއްޖޭގެ އުތުރުން ދެކުނަށް 12 ރަށުގެ ރީތިކަން ދައްކުވައިދޭ އަދި ހުރިހާ އުމުރު ފުރާއަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ގޭމެއް ކަމަށެވެ.

"މިއީ ދިވެހިންގެ ފަރާތުން ދިވެހިންނަށް ތައްޔާރުކޮށް ދިވެހިންގެ ހުނަރުވެރިކަށް ފެނިގެންދާނެ ގޭމެއް. އަޅުގަނޑުމެންގެ 2024ގެ ކަލަންޑަރާއި ގޭމްގެ ސަބަބުން އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިވެ، ގޭމެއްގެ ތެރެއިން ރާއްޖޭގެ ރައްތަށް ބަލާލެވި އިތުރު ރަށްތަކެއްގެ މައުލޫމާތު ފެތުރިގެންދާނެ ކަމަށް އުއްމީދުކުރަން،" ހާލިދު ވިދާޅުވި އެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވެ އެވެ. އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމަނާފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވަލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދެ އެވެ.

މިއަހަރުގެ އުރީދޫ ކަލަންޑަރު އަދި ގޭމް ތައްޔާރުކޮށްފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓީމުންނެވެ.

ލޫޕްކްރާފްޓްގެ ސީއީއޯ މުހައްމަދު ޝަމްހީލް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އޯޑިއަންސް ޝައުގުވެރިވާ ކަހަލަ މަސައްކަތެއް ކުރުމަށް ކަމަށެވެ.

"މިގޭމުގެ ޒަރީއާއިން އުރީދޫ މޯލްޑިވްސްގެ އުފާވެރިކަމާ އެކުވެރިކަން ރަމްޒުކޮށްދެވޭނެ ކަމަށް އުއްމީދުކުރަން. މި ފުރުސަތު ދެއްވީތީ އުރީދޫ މޯލްޑިވްސްގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޝަމްހީލް ވިދާޅުވި އެވެ.