އައިޝާ ނޫރައިން ޖަނާހް

އެމްއެމްޕީއާރްސީގެ ޗެއާޕާސަނަކަށް ނޫރައިން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހް އައްޔަނުކޮށްފި އެވެ.

ނޫރައިން އަކީ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހްގެ ދޮށީ ދަރިކަނބަލުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރެއްގެ ގޮތުގައި ޖަނާހް ހުންނެވީ ވަޒީރުންގެ ފެންވަރުގައި މުސާރަ ނުހިނގާ ގޮތަށެވެ.

ހަޔާތުގައި ގިނަ އަހަރުތަކެއް ސްވިޒަލޭންޑްގައި ހޭދަކުރައްވާފައިވާ ނޫރައިން އަކީ ޗާޓާޑް އެކައުންޓަންޓެކެވެ. ނޫރައިން އަކީ 10 އަހަރުގެ މެނޭޖުމަންޓް ތަޖުރިބާ ވެސް ހުންނެވި އަދި ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓް ގްރޫޕްގައިވެސް ވައިސް ޗެއާ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުންފުނި -- އެމްއެމްޕީއާރްސީ ރީބްރޭންޑް ކުރާނެ ކަމަށް މިސަރުކާރުން ކުރިން ހާމަކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިސަރުކާރުން އައްޔަންކޮށްފައިވަނީ ފާތިމަތު ތައުފީގެވެ.