އެފްއޭއެމް

އެފްއޭއެމްގެ އިންތިހާބު މަޑުޖައްސާލުމަށް އަންގަވައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު މަޑުޖައްސާލުމަށް ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް މިއަދު އަންގަވައިފި އެވެ.

ކޮމިޝަނާ މިގޮތަށް އެންގެވިއިރު އެފްއޭއެމްގެ އިންތިހާބު ކުރިއަށް އޮތް ޖެނުއަރީ 31 ވަނަ ދުވަހު ބޭއްވުމަށް އެ އިދާރާ އިން ވަނީ ތައްޔާރުވެފަ އެވެ. އަދި މިއިންތިހާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި މަހިބަދޫ ދާއިރާގެ މިހާރުގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އާއި އީގަލްސްގެ ޗެއާމަން މުފާވިޒު ހާޝިމު (މުފާ) ވަނީ ފޯމުވެސް ހުށަހަޅުއްވާފަ އެވެ.

އެފްއޭއެމްގެ އިންތިހާބާ ގުޅޭ ހުރިހާ ކަމެއް މަޑުޖައްސާލުމަށް ސްޕޯޓްސް ކޮމިޝަނަރު އެންގެވީ ސުވާލު އުފެދޭ އެތައް ކަމެއް ހުރުމުން އެ މައްސަލަތައް ބެލުމަށް ވަގުތު ބޭނުންވާތީ އެވެ.

ސްޕޯޓްސް ކޮމިޝަނާ ނެރުއްވި ބަޔާނުގައިވާ ގޮތުން އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިންމިއިރު އެ ކޮމިޓީގެ ގާނޫނީ ސައްހަ ކަމެއް ނެތެވެ. ކޮމިޝަނާ މިގޮތަށް ގަބޫލުކުރައްވަނީ އެފްއޭއެމްގެ އެކްސްކޯ އިން އިސްތިއުފާ ދެއްވި ތިން މެންބަރަކު އިސްތިއުފާ ދެއްވި ތާރީހާއި އެފްއޭއެމްގެ އިންތިހާބު އިއުލާން ކުރި ތާރީހާ މެދުވެސް އުފެދޭ ސުވާލުތަކެއް ހުރުމުންނެވެ.

އެފްއޭއެމްގެ އިންތިހާބު ބޭއްވުން މަޑުޖައްސާލުމަށް އެންގެވުމުގެ ކުރިން ސްޕޯޓްސް ކޮމިޝަނަރު ވަނީ ފަސް ކަމެއްގެ ތަފްސީލް މައުލޫމާތު ހިއްސާކުރުމަށް އެފްއޭއެމްގައި އެދިފަ އެވެ. ނަމަވެސް އެފްއޭއެމް އިން އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ. އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް މަޑުޖައްސާލުމަށް އެންގެވި ސަބަބުތަކުގެ ތެރޭގައި މައުލޫމާތު ހިއްސާނުކުރުންވެސް ހިމެނޭކަން ބަޔާނުން އެނގެ އެެވެ.