މިނިސްޓްރީ އޮފް ހެލްތު

"މަދިރިން ރައްކާ"ގެ ގައުމީ ކެމްޕޭން ފަށައިފި

މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ "މަދިރިން ރައްކާ"ގެ ނަމުގައި ގައުމީ ފެންވަރުގެ ހަރަކާތެއް މިއަދު މުޅި ރާއްޖޭގައި ފަށައިފި އެވެ.

މިހަރަކާތް ރަސްމީކޮށް އިފްތިތާހުކުރީ މިއަދު ހެނދުނު 7:30 ގައި މާލޭގެ މާލެހިޔާ ކައިރީ ހަދާފައިވާ ފުޓްސަލް ދަނޑުގައެވެ.

މި ހަރަކާތް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް އެވެ.

މިހަރަކާތް މާލެ ސަރަހައްދުގައި ކުރިއަށް ގެންދަނީ ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭއާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ބައެއް އަމިއްލަ ޖަމާއަތްތައްވެސް ގުޅިގެންނެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވީ މި ކެމްޕޭން މިއަދު ފެށި ނަމަވެސް ކޮންމެ ދުވަހަކީވެސް މަދިރި ނައްތާލުމަށް މަސައްކަތް ކުރާ ދުވަހަކަށް ހަދަންޖެހޭ ކަމަށެވެ. އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ސާފުތާހިރުކަން އިސްކުރުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

މަދިރި ނައްތާލުމުގެ ގައުމީ ކެމްޕޭނެއް ފަށާފައި މިވަނީ ކުޅުދުއްފުށިންނާއި މާލެ ސަރަހައްދުން މަދިރިން ޖެހޭ ބައްޔެއް ކަމަށްވާ ފައިލޭރިއާއަށް ޕޮޒިޓިވް ގިނަ އަދަދެއްގެ ބިދޭސީންތަކެއް ފެނިފައި ވަނިކޮށެވެ.