މިނިސްޓްރީ އޮފް ހެލްތު

ސިއްހީ ހިދުމަތުން ދުރުވެފައިވާ މީހުންނަށް އަލުން ފުރުސަތު ދިނުމަށް އުސޫލެއް އެކުލަވާލައިފި

އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން، އަނބުރާ ހިދުމަތަށް ނިކުތުމަށް މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުސޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ހާއްސަ އުސޫލު އިފްތިތާހްކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އުސޫލު އިފްތިތާހް ކޮށްދެއްވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

މިފަދަ އުސޫލެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިއުސޫލު އިފްތިތާހް ކުރުމަށް ހިމަނާފައިވެ އެވެ.

ހެލްތު މިނިސްޓްރީއާއި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން އެކުލަވާލާފައިވާ މި އުސޫލުގެ ދަށުން ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނެރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި އެފަދަ މީހުންގެ ދަފުތަރެއް މިނިސްޓްރީގައި އެކުލަވާލައި އެ މީހުން ވޭޖް އުސޫލުން ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރެވޭނެ އެވެ.

މި އުސޫލުގެ ތެރެއިން އާންމު އިއުލާނަކާ ނުލައި އެކަމަކު ދަފުތަރުގައި ރަޖިސްޓްރީކުރާ ސިއްހީ ހިދުމަތްތެރިންގެ ތައުލީމާއި، ތަޖުރިބާއާއި، ހުނަރަށް ބަލައި، މެރިޓް އުސޫލުން "ސިއްހީ ދާއިރާއަށް ހާއްސަ ޑައިރެކްޓް ރެކްރޫޓްމަންޓް"ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ ފުރުސަތު ހެލްތު މިނިސްޓްރީއަށް އޮންނާނެ އެވެ.

މީގެ އިތުރުން މިހާރު އެކި ސަބަބުތަކާ ހުރެ ހިދުމަތުން ދުރުވެފައިވާ މީހުންގެ އެހީތެރިކަމާއެކު ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޕްރައިމަރީ ހެލްތް ކެއާގެ އުސޫލުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް މިފަދަ މީހުންގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަލުން ހިދުމަތަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި މި އުސޫލުގެ ތެރެއިން އެކުލަވައިލައި ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހަކަށް ނުވިނަމަވެސް އެ މީހަކީ ސިއްހީ ގޮތުންނާއި، ތައުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ގާބިލް މީހެއްނަމަ އިދާރީ އޮނިގަނޑުގައި އެ މީހަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ އެ މީހަކު އެ މަގާމަށް ނެގުމުގެ ފުރުސަތު ދެވޭނެ ގޮތްތައްވެސް މިއުސޫލުގައި ހަމަޖެހިފައިވެ އެވެ.