ފިނިޕޭޖް

މިފަހަރު ނަހޫސްޓައިލެއް ނޫން! އިންގިލާބެއް ގެންނަ ވަރުގެ ފިލްމެއް!

އެއްގޮތަކަށް ވެސް "ނަހޫސްޓައިލެއް" ނޫނެވެ. އެކަމަކު މިއީ ވާހަކަ ލިޔުންތެރިޔަކުން ކާމިޔާބު ފިލްމު ޑައިރެކްޓަރަކަށް އަދި މިހާރު އަމިއްލަ ސްޓޫޑިއޯއެއްގެ ދަށުގައި ފިލްމު އުފައްދަމުން އަންނަ ފާތިމަތު ނަހުލާގެ އާ ފިލްމުގެ ވާހަކަ އެވެ.

އެ ފިލްމަކަށް ކިޔަނީ "4426" އެވެ. ނުވަތަ "ފޯފޯޓޫސިކްސް" އެވެ.

މިއީ ލޯބީގެ ރަހަތަކެއް ވެސް އޭގައި ހިމެނޭ ބިރުވެރި ފިލްމެކެވެ. ނަހުލާ ބުނަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ދިވެހި ސިނަމާ އަށް އެނބުރި އަންނައިރު އޭނާ ބޭނުންވަނީ ސިނަމާ ހޯލަށް ވެރިވެފައި އޮތް ފަޅުކަން ފިލުވައިދެވޭ ވަރުގެ އިންގިލާބެއް ގެންނަން ކަމަށެވެ. އާންމުކޮށް ގެނެސްދޭ "ނަހޫސްޓައިލް" ދޫކޮށް އާ ސްޓައިލަކަށް ނުވަތަ ނަހުލާ އަށް އާ ސްޓައިލަކަށް މި ފިލްމު އުފައްދަނީ ވެސް އެ ސަބަބާ ހެދި ކަމަށެވެ.

"އެނބުރި އައިސް އަލުން ފަށާއިރު ދެން ބޭނުންވީ އާ ގޮތެއް، އާ ސްޓައިލެއް، އިންގިލާބެއް ގެންނަން މިފަހަރު. އިރާދަކުރެއްވިއްޔާމު، ބިރުވެރި ފިލްމު ހަނދާން ނުނެތޭވަރުގެ ފިލްމަކަށް މި ފިލްމު ހަދާނަން. ކުރިން ބޭނުންކުރަނީ ރޮއްވާލުމެއް ނޫން. މިފަހަރު ބޭނުންވަނީ ފިތްކަނޑުވާލަން،" އަންނަ މާޗް މަހު އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނަހުލާ ބުންޏެވެ.

އޭނާ އެންމެފަހުން ޑައިރެކްޓްކޮށް ބެލުންތެރިންނާ ހަމަ އަށް ގެނެސްދިން ފިލްމަކީ 2009 ވަނަ އަހަރުގެ އޮލިމްޕަސް ރިކޯޑްތައް މުގުރާލި "ޔޫސުފް" އެވެ. އެއަށް ފަހު މި ފިލްމު ވެގެންދާނީ އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށެވެ. ނަމަވެސް މިފަހަރު ޑައިރެކްޓަރުގެ ގޮނޑި ހިއްސާކުރަނީ ނަހުލާ އެކަންޏެއް ނޫނެވެ.

ޑާކް ރެއިންގެ ފިލްމުތަކުގައި ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ފާހަގަކުރޭ ވަކިން ހާއްސަކޮށް ވިޝުއަލް އިފެކްޓްސް އާއި ކެމެރާގެ މަސައްކަތްތަކުން ފާހަގަކުރެވޭ ސިނާން އަކީ ނަހުލާއާ އެކު މި ފިލްމު ޑައިރެކްޓްކުރުގައި ބައިވެރިވާ އަނެއް ހުނަރުވެރިޔާ އެވެ. އެހެންވީމަ މިހައި ހިސާބުން ވެސް ނަހުލާ މި ތައްޔާރުވަނީ އާދައިގެ ފިލްމަކަށް ނޫންކަން އެބަ އެނގެއެއް ނޫން ހެއްޔެވެ؟

އެއްގޮތަކަށް ވެސް އާދައިގެ ފިލްމެއް ނޫން!

ހަގީގަތަކީ މި ފިލްމެއްގައި ނަހުލާ މީގެ ކުރިން ގެނެސްދީފައިވާ ލޯބީގެ އަސަރުގަދަ، ނުވަތަ ރޮއެރޮއެ ދެ ލޯ ވެއްޓޭ ފެންވަރުގެ މަންޒަރުތަކެއް އެއްގޮތަކަށް ވެސް ހިމެނުމަށް ރާވާފައިނުވާ ކަމެވެ. "ކަލާޔާނުލާ" އާއި "ޒުލޭހާ" އަދި "ޔޫސުފް" ފަދަ އަސަރުގަދަ ނުވަތަ ހިތާމަވެރި ލޯބީގެ ވާހަކައެއް މީގައި ނެތެވެ.

ސަމާސާކުރާ މީހަކު ބުނާނީ ނަހުލާ މިފަހަރު އުފައްދަން އުޅެނީ ކަރާޓޭ ފިލްމެކޭ އެވެ. އެހާ ވެސް އޭނާގެ މި ފިލްމެއް ކުރީގެ "ނަހޫސްޓައިލް" ތަކާ ތަވާތުވާނެތީ އެވެ.

"މި ފިލްމުގައި ޕްލޭތަކާ އެއްޗެހި އަންނާނެ. ފައިޓް ސީންސްތައް ވެސް އަންނާނެ. މިހެންވީމަ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޓްރެއިނިން ވެސް ހައްދަން ޖެހޭ. އަނެއްކޮޅުން ފިލްމު ޝޫޓްކުރާނީ ހަ ބުރީގެ އިމާރާތެއްގައި. މުޅި ތަނުގައި އެއްކޮށް ސެޓް ހަދަން އެބަޖެހޭ،" ނަހުލާ ބުންޏެވެ.

"މިވަރުގެ ބޮޑު މަސައްކަތެއްގައި އަޅުގަނޑާ އެކު އެހެން މީހަކު ބޮޑު ރޯލެއް އަދާކޮށްގެން ނޫން ގޮތަކަށް އަޅުގަނޑު ބޭނުންވާ އެއްޗެއް ނުނެރެވޭނެ. ދެން އަޅުގަނޑުގެ މިހާރު ކުޑަކުއްޖަކު ވެސް އޮތީމަ މުޅި ޕްރޮޖެކްޓްގެ 100 ޕަސެންޓް ބެލެހެއްޓުން އެއީ ނުކުރެވޭނެ ކަމެއް."

ނަހުލާ ބުނީ ފިލްމަށް އިތުރު ޑައިރެކްޓަރަކު ހަމަޖައްސާފައި ވަނީ ފިލްމުގެ ބޮޑުކަމާއި އޭގެ މުހިންމުކަން ވެސް ބޮޑުވުމުން ކަމަށެވެ.

"ބައިވަރު ރީޒަންސް އެބަހުރި. އެކަނި، ޓީމް ވޯކެއްގެ ގޮތުގައި ނޫން ގޮތަކަށް މިހާ ވަރުގަދަ މަސައްކަތެއް ކުރެވޭކަށް ނެތް. މި ބުނަނީ އަޅުގަނޑު ބޭނުންވޭ މީތިން އިންގިލާބެއް ގެންނަން. މޭކަޕަށް ވެސް އިފެކްޓަށް ވެސް ޕްލޭއަށް ވެސް އަދި ހުރިހާ އެއްޗަކަށް ވެސް. އަނެއްކާ އަޅުގަނޑަށް އެކަނި (މަސައްކަތް) ކުރެވޭ ވަރަށް ވުރެ މޮ ޕްރޮޖެކްޓް މާ ބޮޑު. އެއަށް ވުރެ މާ ވަރުގަދަ،" ނަހުލާ ކިޔައިދިނެވެ.

"ފިލްމުގެ މަސައްކަތަށް ހާއްސަކޮށްގެން މާޝަލް އާޓްސް އާއި ޑިފެންސް ޓެކްޓިކްސްތައް އެކްޓަރުންނަށް ދަސްކޮށްދޭން އަދި ކިޔައިދޭން ވޯކްޝޮޕެއް ވެސް ކުރިއަށް ގެންދާނަން. އެ ވޯކްޝޮޕްކުރިއަށް ގެންދާނީ މާޝަލް އާޓްސް އެސޯސިއޭޝަނާ ގުޅިގެން."

ނަހުލާ ވެސް ބޭނުންވަނީ މިފަހަރު ތަފާތު ފިލްމެއް ގެނެސްދޭން!

"ފުރަތަމަ އަޅުގަނޑު ލޯބީގެ ވާހަކަ ލިޔުނުއިރު ވަރަށް ވަރުގަދަ ލިޔުންތެރިން ވެސް އަޅުގަނޑާ ދިމާލަށް ބުނެފައި އެބަހުރި ހުސް އެކައްޗެކޭ ތިލިޔަނީ. ބިރުވެރި ވާހަކައެއް ވެސް ނުލިޔަމެއް ނޫންހެއްޔޭ. އެ ދުވަހު ހިތަށް އެރި ބިރުވެރި އެއް ވާހަކަ ލިޔެފައި ދައްކާނަމޭ. މިހާތަނަށް އެންމެ ގިނަ ފޮތް ވިކުނު ވާހަކަ އަކީ މަންޖެ ވާހަކަ. ތާރީހުގައި ވެސް،" ތަފާތަކަށް މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން ނަހުލާ ބުންޏެވެ.

"އެހެންވީމަ އެވަރުގެ ތަފާތެއް ފިލްމުން ވެސް ދައްކާލަން ބޭނުންވަނީ އަސްލު. މީގައި ފާހަގަކޮށްލަން ޖެހެނީ ކުރަން ބޭނުންވާ ކަމެއް އެގޮތަށް ކޮށްފިއްޔާމު އޭގައި ވަކި ޖޯންރާއެއް ވަކި ސްޓައިލެއް ނޯންނާނެއޭ. ފިލްމެއްގައި ނަމަ އެންމެ މުހިންމު ވަނީ އިހްސާސް. ބިރުވެރިވިޔަސް ދެރަވިޔަސް، ރޮމޭންސް ކަމަށްވިޔަސް އެ އިހްސާސް އަނެއް މީހާ އަށް ފީލްކޮށްދިނުން."

ނަހުލާ ބުނީ މި ފިލްމުގެ އެންމެ ބޮޑު މަގުސަދަކީ އަދި މެދުކެނޑުމަކަށް ފަހު މި ފެންވަރުގެ ފިލްމެއް ގެނެސްދިނުމުގެ އެންމެ ބޮޑު ބޭނުމަކީ އޭނާގެ ކުރީގެ ކާމިޔާބީ އަލުން ތަކުރާރުކުރުން ކަމަށެވެ. އެކަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް ވެސް ބުންޏެވެ.


"ވަރަށް ބޮޑަށް ގަބޫލުކުރެވޭ. އެއީ ބޭނުމަކީ ވެސް. މަގުސަދަކީ ވެސް. ގަބޫލުކުރަން ފިލްމު އިންޑަސްޓްރީ ވަރަށް ބޮޑަށް ވެއްޓިގެން ދިޔައީ. ހާއްސަކޮށް ރަނގަޅު ޑައިރެކްޓަރުންތަކެއް ފިލްމު ނަހަދާތީ. އެހެންވީމަ (މީހުން ކުރިން ފިލްމު ބެލި ފޯރި) އަލުން ގެންނަން ބޭނުންވޭ މިހާރު،" ނަހުލާ ބުންޏެވެ.

ނަމަވެސް މިއީކީ އެއްގޮތަކަށް ވެސް ނަހުލާގެ ކުރީގެ ފިލްމެއްގެ ފީލް ކުރެވޭނެ ފިލްމެއް ނޫނެވެ. އާންމުކޮށް ގިނަ އަދަދަކަށް ލަވަ ހިމަނާ އަދި ލިޕްސިންކްކުރާ ލަވަތަކަށް ސަމާލުކަމެއް ދޭއިރު އެ ސިފަ ވެސް މި ފިލްމުން ވަނީ އުނިކޮށްފަ އެވެ.

"ފިލްމުގައި ތިން ލަވައެއް އުޅޭނީ ލިޕްސިންކް ކުރާ އެއްވެސް ލަވައެއް މީގައި ނުހިމެނޭނެ،" ނަހުލާ ބުންޏެވެ.

"މި ޗޭންޖު ވެސް ބަލައިލާށޭ. އަދި ތަފާތުކޮށްލިޔަސް ނަހުލާއޭ ބުނަން ބޭނުންވަނީ. އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާ ހިތްވަނީ ވެސް ތަންކޮޅެއް ތަފާތު އެއްޗެހީގައި. އެގޮތުން ކުރި މަސައްކަތެއް ޔޫސުފް އަކީ ވެސް. އެހެންވީމަ އެކަހަލަ ތަފާތުތަކާ އެކުގައޭ އަޅުގަނޑު އަންނަން ބޭނުންވަނީ."

"އަޅުގަނޑު ބޭނުންވަނީ ޔޫސުފްއާ ކޮމްޕީޓްކުރާ ވަރުގެ ފިލްމެއް ހަދަން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑާ ކޮމްޕީޓްކުރަން އަބަދުވެސް. ކަލާޔާނުލާ ހަދާފައި ޒުލޭހާ ގެނެސްދިނީ ވެސް އެގޮތަށް. ޒުލޭހާ އަށް ފަހު ޔޫސުފް ގެނެސްދިނީ ވެސް އެގޮތަށް."

އޯޕަން ބަޖެޓެއް! ފިލްމުގެ ވާހަކަ އަކީ ސަޕްރައިޒެއް!

ނަހުލާ ބުނީ އޭނާ އަކީ އެއް އިރެއްގައި ވެސް ވަކި ބަޖެޓަކަށް ފިލްމު ފައްތައިގެން މަސައްކަތްކުރާ ޑައިރެކްޓަރެއް ނޫން ކަމަށެވެ. އެހެންވީމަ މިފަހަރު ވެސް އޮތީ އޯޕަން ބަޖެޓެއް ކަމަށެވެ.

ނަހުލާގެ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޔޫސުފް ޝަފީއު އާއި ޖުމައްޔިލް ނިމާލް އަދި ޖިމީ އާއި ޒިޔާގެ އިތުރުން މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު އަދި އަހުމަދު ފައިސަލް ފަދަ ތަރިންނެވެ. ފިލްމަށް އަދިވެސް ތަރިން އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ދެން މި އޮތީ ފިލްމުގެ ވާހަކަ އެވެ. ނަހުލާ ބުނަނީ އެއީ ބޮޑު ސަޕްރައިޒެއް ކަމަށެވެ.

"ފުދޭވަރަކަށް ދިރާސާކޮށްގެން ގެނެސްދޭ މަސައްކަތެއް މިއީ ވެސް. ފިލްމުގެ ވާހަކަ އަކީ ސަޕްރައިޒެއް. ފޯފޯޓޫސިކްސް އަކީ ވެސް. ފިލްމު ނިމޭއިރު ވެސް ނޭނގޭނެ ދިމާކުރާކަށް. އެއާ ފިލްމާ ރިލޭޓްވާ ގޮތަކީ މުޅި ފިލްމު އިންނާނީ އެއަށް ގޮސްފަ. ފިލްމުގެ ސްޓާރުންގެ އަތަކަށް މީގެ ސްކްރިޕްޓް ވެސް އަޅުގަނޑު ނުދެން އެއްކޮށް. ރިހާސަލް ހަދަމުންދާއިރު ވެސް އެއްބައި ދޭނީ،" ނަހުލާ ބުންޏެވެ.

"މި ސްކްރިޕްޓަކީ ގާތްގަނޑަކަށް ހަތަރު މަސް. މިހާތަނަށް އަޅުގަނޑުގެ ސިކުނޑި އެންމެ ގަދަ އަށް ފިއްސައިގެން ކުރި މަސައްކަތް މިއީ. އެހެން ބުނެވިދާނެ."

"މި ފިލްމުގައި އެންމެންގެ އެކްޓިން ވެސް ވަރަށް ވަރުގަދަވާނެ. އެންމެ ކުޑަ ރޯލް ކުޅޭ މީހާ އަކީ ވެސް ވަރަށް ފާހަގަކޮށްލެވޭނެ ފެންވަރުގެ ރޯލެއް ކުޅޭނެ މީހެއް."

ނަހުލާ ބުނީ އެ ފެންވަރުގެ ފިލްމަކަށް މި މަސައްކަތްނުވެއްޖެ ނަަމ ބެލުންތެރިންނާ ހަމަ އަށް ފިލްމު ނާންނާނެ ކަމަށެވެ. ސިނަމާގައި މިހާރު އޮތް ފަޅުކަން ފިލުވާލަދެވޭ ވަރުގެ ފިލްމަކަށް މި ފިލްމު ހެދިދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނަހުލާ ބުންޏެވެ.

"އެހެން ނޫނިއްޔަކާމު ނާޅުވާނަން. އެވަރުގެ ޔަގީންކަމެއް އެބައޮތް. އަޅުގަނޑު ލިޔެފައި މި އޮތް ސްކްރިޕްޓްގެ ފެންވަރަށް ހެދެން ޖެހޭނެ. އެހެން ނޫނިއްޔާމު ކްރިސްޓަލް އެންޓަޓެއިންމަންޓްގެ ދަށަކުންނެއް ނުނެރޭނެ މި އެއްޗެއް. އެވަރުގެ އެއްޗެއް ނޫނިއްޔާމު ނުނެރޭނަމޭ."