ކަނޑުމަތީގެ ހާދިސާ

ދިޔަވަމުން ދިޔަ ލޯންޗެއްގައި ތިބި 19 މީހަކު ސަލާމަތްކޮށްފި

މާލެއިން ތ. ބުރުންޏަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވުމާ ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ،

އެމްއެންޑީއެފް އިން ބުނީ މިހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 3:55 ހާއިރު ކަމަށެވެ.

އެމްއެންޑިއެފް އިން ބުނީ މިހާދިސާ ހިނގާފައިވަނީ ބުރުނީގެ ހަތަރު ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "އެމްއާރްސްޕީޑް" ނަމަކަށް ކިޔާ ލޯންޗަށް ކަަމަށެވެ.

ލޯންޗަށް ދިޔަވަމުން ދިޔަ ވަގުތު 19 މީހަކު ތިބި ކަމަށާއި އެ އެންމެންވެސް ރައްކާތެރިކަމާ އެކު ބުރުންޏަށް ގެންދެވުނު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދަށް މިދުވަސްވަރު މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވެގެން ނޫނީ ދަތުރު ނުކުރުމަށްވެސް ކަމާ ގުޅޭ އިދާރާތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.