ޣައްޒާއަށް ބޭނުންވާ އިންސާނީ އެހިތެރިކަން އިތުރުކުރެވޭ ގޮތެއް ޔަހޫދީ ދައުލަތުން ހަމަޖައްސަން ޖެހޭނެ ކަމަށް އިންސާނީ ހައްގުތަށް ކަށަވަރުކުރުމަށްޓަކައި ޣައްޒާގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ބުނެފި އެވެ.
މި ޖަމާއަތްތަކުން ބުނާ ގޮތުން މިއަދު ހާލަތު ހުރި ގޮތުން ޣައްޒާއަށް ވެއްދެނީ އާބާދީއަށް ބޭނުންވާ އެހީގެ 10 ޕަސެންޓެވެ.
ޔަހޫދީ ބައެއް މީޑިއާތަކުން ވެސް ވަނީ ޣައްޒާގެ ހާލަތާ މެދު ކޮންބޮޑުވުން ފާޅުކޮށްފަ އެވެ. ޚަބަރުތައް ބުނާ ގޮތުން ޣައްޒާ އާބާދީގެ 90 ޕަސެންޓް ތިބީ ވޭންގަދަ ބަނޑުހައިހޫނު ކަމުގަ އެވެ.
ޣައްޒާއަށް އިންސާނީ އެހީތެރިކަން އިތުރުކޮށްގެން ނޫން ގޮތަކަށް އިންސާނީ ބޮޑު މުސީބާތަކުން ސަލާމަތް ނުކުރެވޭނެ ކަމަށް ޖަމާއަތްތަކުން ބުނެ އެވެ.
ޣައްޒާއަށް ކާބޯތަކެތި ވެއްދުމުގައި ހުރި ދަތިތަކާ ބެހޭ ގޮތުން އދއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޣައްޒާއަށް ކާބޯތަކެތި ވެއްދެން އޮތީ ޔަހުދީ ދައުލަތުން ހުއްދަދިނުމުންނެވެ.
ޔަހޫދީ ސަރުކާރުން ބުނާ ގޮތުން ޣައްޒާއަށް އެއްވެސް އެހީތެރިކަމެއް ވެއްދޭނީ ބަލައި ފާސްކޮށް އޭގައި ޒަޔަނިސްޓުންގެ އާބާދީތަކަށް ނުރައްކަލެއް ނެތް ނަމަ އެވެ.
ޣައްޒާއަށް އެހީ ހިފައިގެން ގޮސް ތިބި ލޮރީތައް އެހާ ގިނަ ނަމަވެސް އެ އަވަށަށް ވަނުމުގެ ހުއްދަ ދެނީ 10 ޕަސެންޓަށް ވުރެ ވެސް މަދު ލޮރީއަކަށް ކަމަށްވެސް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ބުނެ އެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސްފަރުވާ އަދި އިންސާނުންނަށް ބޭނުންވާ ޒަރޫރީ އެހެނިހެއް ތަކެތި ވެއްދުން 2006 އިން ފެށިގެން އޮންނަނީ ޒަޔަނިސްޓް ދައުލަތުން މަނާކޮށްފަ އެވެ.
ފަލަސްތީންގެ ބިންތައް ފޭރިގަނެ ޔަހޫދީން އެ ބިންތަކުގައި އާބާދުކުރަމުން ގެންދާއިރު -- އެ ބިމުގެ އަސްލު ވަޒަންވެރިން ތިބީ ހައިހޫނު ކަމުގައި، ބަނޑަށެވެ.
ޔަހޫދީ އަސްކަރިއްޔާ އިން ޣައްޒާއަށް މިހާރު ދެމުން ގެންދާ ހަމަލާތަކުގައިވެސް ޣައްޒާއަށް ކާބޯތަކެތި ވެއްދުން ވަނީ މަނާކޮށްފަ އެވެ.
ޔަހޫދީންގެ ބޭނުމަކީ ފަލަސްތީން މީހުން ބަނޑަށް ޖައްސައި، ހާލަތަށް މަޖުބޫރުކުރުވައި ވަޒަނުން ބޭރުކުރުމެވެ. ޣައްޒާގައި ޔަހޫދީންގެ އޮތް އެޖެންޑާ އަކީ އެ ބިން ޔަހޫދީން އަމިއްލަ ކުރުމެވެ.
ޔަހޫދީންގެ އިގުތިސާދު ކަށަވަރު ކުރުމަށް ޣައްޒާ އަކީ މުހިއްމު ތަނެއް ކަމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ އދގައި ވިދާޅުވެފަ އެވެ.