ތިމާވެށި

ޕްލާސްޓިކް ފުޅީގައި ސުޕާރީ އާއި ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަނާކޮށްފި

ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އާއި ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކޮށްފި އެވެ.

މި ތަކެތި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން އިއްޔެއިން ފެށިގެން މަނާކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުންނެވެ.

ރައީސް މުއިއްޒު މި ގަރާރު ނެރުއްވާފައިވަނީ ނޮވެމްބަރު 30. 2023ގަ އެވެ.

ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އާއި ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކޮށްފައިވާއިރު މިތަކެތި ބާޒާރަށް ނެރުން މަނާވާނީ ޖޫން އެއްވަނަ ދުވަހުން ފެށިގެންނެވެ.

ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ހަތް ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ރާއްޖެއަށް އިމްޕޯޓްކުރުން މަނާ އަދި ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އެކި މަރުހަލާތަކަށް ބަހައިލައިގެން ކަނޑައެޅުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އެކި މަރުހަލާތަކަށް ބަހައިލައިގެން ކަނޑައެޅުމުގެ އިހުތިޔާރު ރައީސަށް ލިބިވަޑައިގަންނަވަ އެވެ.