ޕައިލެޓް ކަން ކިޔަވައިގެން އަންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭނެ އެއްވެސް ޕްލޭނެއް ނެތި ޕައިލެޓް ކަން ކިޔެވުމަށް ނިމިދިޔަ ސަރުކާރުގައި 400 ސްކޮލަޝިޕް ފުރުސަތު ހުޅުވާލުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މަގަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ޕައިލެޓް ކަން ކިޔެވުމަށް އެތައް ސަތޭކަ ސްކޮލާޝިޕް ފުރުސަތު ހުޅުވާލަން ވާނީ އެ ކުދިން ކިޔަވައިގެން އައިސް އަދާކުރާނެ ވަޒީފާތަކެއް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އުފައްދައިދީގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޕައިލެޓް ކަން ކިޔެވުމަށް ބޭނުންވާ ކުދިންނަށް 400 ސްކޮލަޝިޕް ފުރުސަތު ހުޅުވާލިއިރު އެ ވަގުތުވެސް ކެޑޭޓް ޕައިލެޓުންގެ ގޮތުގައި ކިޔަވައިގެން ތިބި 70 ނުވަތަ 65 ކުއްޖަކު ތިބި ކަމަށެވެ. އަދި އެ ވަގުތު 200 ވަރަކަށް ކުދިން ޕައިލެޓް ކަން ކިޔަވަމުންވެސް ދިޔަ ކަމުގައި ވިދާޅުވި އެވެ.
"މި އަދަދުތަކުގެ ތެރެއަށް އަނެއްކާ 400 އެއް އިތުރުވެގެން މިދިޔައީ ހަޔާ އެޑިއުކޭޝަންގެ ތެރެއަށް،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދެން ބަލަން ޖެހޭނީ ޕައިލެޓް ކަން ކިޔަވައިގެން އަންނަ ކުދިންނަށް ރާއްޖޭގެ މިންގަނޑުން ވަޒީފާ ދެވެން ހުރި ގޮތްތަކަށް ކަމަށެވެ. ޕައިލެޓް ކަން ކިޔަވައިގެން އަންނަ ގިނަ ކުދިން ކިޔަވަނީ ކެޑޭޓް ޕައިލެޓް ކަން ކަމަށާއި އެއްވެސް އެއާލައިނަކަށް ކެޑޭޓް ޕައިލެޓުން ލައިގެން އެ އެއާލައިން ނުހިންގޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަދި ރާއްޖޭގައި އެ ފުރުސަތު [މިވަގުތު] އޮތީވެސް ހަމައެކަނި ގައުމީ އެއާލައިން މޯލްޑިވިއަން އާއި ޓީއެމްއޭ އަށް އެކަނި. އެތަންތަން އެއްކޮށްލައިގެންވެސް ވަޒީފާގެ ފުރުސަތު 30 އަށް ވުރެ މައްޗަށްވެސް ނާރާ، ގްރޯތްވެސް އުޅޭނީ 6 އިންސައްތަ އާއި 7 އިންސައްތައިގައި،" ޕައިލެޓް ކަން ކިޔަވައި އަދި މޯލްޑިވިއަންގެ ބޯޓުތައްވެސް ދުއްވާފައިވާ އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ދުނިޔޭގެ އެއްވެސް ގައުމެއްގައި ކެޑޭޓް ޕައިލެޓް ކަން ކިޔަވައިގެން ތަޖުރިބާގެ ފުރުސަތު ނުލިބި ވަޒީފާގެ ފުރުސަތު ހަމަޖައްސައިދޭ ކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން ޕައިލެޓް ކަން ކިޔަވަން ބޭނުންވާ ކުދިންނަށް ހުޅުވާލާފައިވާ ސްކޮލާޝިޕްތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރެއްވުމަށްފަހު ސްކޮލާޝިޕް ލިބުނު ކުދިންނަށް ވިސްނައިދީގެން ކިޔެވުން އެހެން ދާއިރާއަކަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިހާ ނުރައްކާތެރިކޮށް ވަޒީފާ ފުރުސަތު ހުޅުވާލާފައިވާއިރު ހަޔާ އެޑިއުކޭޝަން އާއި ސިވިލް އެވިއޭޝަންގެ ފަރާތުން ޕްރޯއެކްޓިވްކޮށް އެ ފުރުސަތު ލިބިފައިވާ ކުދިންނާ ވާހަކަ ދައްކަން ޖެހޭ އެބަ" އަމީން ވިދާޅުވި އެވެ.