އިބްރާހިމް އަމީރު

ކުރީގެ މިނިސްޓަރު އަމީރު ތުލުސްދޫ ދާއިރާއަށް ވާދަކުރައްވަނީ

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތުލުސްދޫ ދާއިރާއަށް ކުރިމަތިލައްވައި، އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރައްވައިފި އެވެ.

އަމީރަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވީ މަޖިލިސް ޕްރައިމަރީއަށް އެ ޕާޓީން ހުޅުވާލި ފުރުސަތުގައި އަމީރު ފިޔަވާ އެހެން ބޭފުޅަކު ތުލުސްދޫ ދާއިރާއަށް ވާދަކުރުމަށްޓަކައި އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލައްވާފައި ނުވާތީ އެވެ.

ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީގެ ފިކުރު ވަރުގަދަ ކަމަށް ބެލެވޭ ތުލުސްދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވީ ކޮން ގޮތަކަށް ވިސްނަވާފަތޯ އަވަސް އިން ސުވާލުކުރުމުން އަމީރު ވިދާޅުވީ އެ ދާއިރާ ނެންގެވީ ޗެލެންޖު އޮންނާނެ ކަމަށް ބައްލަވައި އެ ޗެލެންޖާ ކުރިމަތިލެއްވުމަށް ކަމަށެވެ.

ތުލުސްދޫ ދާއިރާގައި ހިމެނެނީ ދިއްފުށްޓާއި ތުލުސްދޫ އެވެ. މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ދިއްފުށްޓަކީ އެމްޑީޕީގެ ތާއީދު ބޮޑު ރަށެކެވެ. ނަމަވެސް ތުލުސްދޫ އަކީ ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން ގިނަ ރަށެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"މީގައި އޮންނާނީ މަސައްކަތްކުރުން ދެއްތޯ. އަޅުގަނޑު ގަބޫލުކުރަނީ މަސައްކަތް ކުރެވިއްޖެނަމަ ޗެލެންޖު ހުއްޓަސް ކާމިޔާބު ވާނެ ކަމަށް. އަޅުގަނޑާ އާއިލީ އެއްވެސް ގުޅުމެއް ތުލުސްދޫ ދާއިރާއަކު ނެތް. އެކަމަކު ރަހްމަތްތެރިންތަކެއް އެބައުޅޭ މިދާއިރާގައި،" އަމީރު ވިދާޅުވި އެވެ.

އަމީރު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޓިކެޓް ކަށަވަރުވެފައިވާތީ އަންނަ ހަފްތާގެ ތެރޭގައި ކެމްޕޭންގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގައްދޫ ދާއިރާއަށް 2014 ވަނަ އަހަރުވެސް އަމީރު ވާދަކުރެއްވި އެވެ. އެ ފަހަރު އޭނާއަށް ކާމިޔާބު ކުރެއްވޭ ގޮތެއް ނުވި އެވެ.