މާލޭ ސިޓީ

މާލޭގެ މަގުތައް ހެދުމަށް 100 މިލިއަން ޑޮލަރު ހަރަދުވާނެ: މުއްތަލިބް

މާލޭގެ ހުރިހާ މަގެއް ހެދުމަށް 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ކުރަންޖެހޭނެ ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ވިލިމާލޭގެ މަގުތައް ހެދުމަށާއި ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ ކުރިން ބޭނުންވާ ސާވޭތައް ހެދުމާއި އީއައިއޭ ހެދުން ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މުއްތަލިބް ވިދާޅުވީ މާލޭގައި ކުރަންހުރި މަސައްކަތްތަކަށް ބަލާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވާ މަސައްކަތަކީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ކަމަށެވެ. އެހެންވެ އަމާޒަކީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު މިއަހަރު އަމަލީގޮތުން ފެށުން ކަމަށާއި މިހާތަނަށް ލިބިފައިވާ އަގުތަކަށް ބަލާއިރު މުޅި މަޝްރޫއަށް 100 މިލިއަން ޑޮލަރު ހަރަދުވާނެ ކަމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައާއި އަނޑިގުނޑަންތައް ހައްލުކުރުމަށް އޮތް ދާއިމީ ހައްލަކީ މާލޭގެ މަގުތައް އަލުން ހެދުން ކަމަށެވެ. މާލޭގެ މަގުތައް އަލުން ހަދާއިރު ބައެއް ސަރަހައްދުތަކުން މާލޭގެ އެއްގަމު ތޮށި ބޭރަށް ޖެއްސުމާއި ފެނާއި ނަރުދަމާގެ ނިޒާމުވެސް އަލުން ފަށަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ މާލޭގެ މަގުތައް ހަދަން ފަށާއިރު އެންމެ ފުރަތަމަ ހަދަން ފަށާނީ ވަރަށް ފަހުން ހަދާ ނިންމާފައި އޮތް ކަނބާއައިސަ ރަނި ހިނގުން ކަމަށެވެ. އެ މަގު އަލުން ހަދަންޖެހެނީ އެ މަގުގެ ބައެއް ހަދާ ނިންމިއިރު މިހާރު ފެން ބޮޑުވާ މައްސަލައަށް މާބޮޑު ހައްލެއް ލިބޭ ގޮތަށް އެކަން ކޮށްފައި ނުވާތީއާއި އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވާ މައްސަލައަށް ހައްލު ގެނެވޭނީ އެ މަގު އަލުން ހަދައިގެން ކަމަށް ފެންނާތީ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މާލޭގެ ބޮޑުތަކުރުފާނު މަގުގެ ނުނިމި އޮތް ބައި ހެދުމަށްވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި އެ މަސައްކަތާ ގުޅޭ ބައެއް މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. ބޮޑުތަކުރުފާނު މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ކުރަން ރައީސް މުއިއްޒު ބޭނުންވަނީ އެ މަގު އިތުރަށް ފުޅާކުރެވޭ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.