އާރްޑީސީ

ސަބްދެލި މަގު އަލުން ހުޅުވާލައިފި

ހިރިޔާ ސްކޫލުގެ އުތުރުން ބަންދުކޮށްފައި އޮތް ސަބްދެލި މަގު އަލުން މިއަދު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އިން މި މަގު ހުޅުވާލުމުގެ މަސައްކަތް ފެށީ މިމަހުގެ ހަވަނަ ދުވަހު އެވެ.

މާލޭގެ އަމީނީމަގު ހެދުމުގެ މަޝްރޫއާއި ގުޅިގެން މާފަންނު އަވަށަށް ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ގެންނަން ޖެހިފައިވުމަކީ ސަބްދެލި މަގު އަލުން ހުޅުވާލި ސަބަބެއް ކަމަށް ލޯކަލް ގަވަރުންމަންޓް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ސަބްދެލި މަގު ބަންދުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ.

ސަބްދެލި މަގު ބަންދުކުރީ އެ މަގުވެސް ހިމެނޭ ގޮތަށް ރަސްފަންނާ ދިމާލުން ބޮޑު ތަކުރުފާނު މަގުގައި ރިސޯޓް ކޮންސެޕްޓަށް ހަދަން އުޅުނު އެންމެ މަތީ ފެންވަރުގެ ލަގްޒަރީ އެޕާޓްމަންޓްތަކެއް އެޅުމުގެ މަޝްރޫއު -- ކޮރަލް ބުލަވާޑް -- ފެށުމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔައިރުވެސް މި މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ. އަދި ނިމިދިޔަ ރައީސް އިބްރަހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މިމަޝްރޫއު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލެއިން މޫދު ފެންނަ ގޮތަށް 129،000 އަކަފޫޓްގެ ބިމެއް ހަމަޖެއްސި ކަމަށް ހާމަކުރި އެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގައިވެސް މިމަޝްރޫއު ފެށިފައެއް ނުވެ އެވެ. އެކަމަކު ހުޅުމާލެ ބަލަހައްޓަމުންދާ ކުންފުނި -- އާބަންކޯ އިން "އާބަން ބްލަވާޑް ޗެނަލް ޕާކް"ގެ ނަމުގައި މަޝްރޫއެއް ފަށައި ބަޔަކާ އެކު އެއްބަސްވުންތަކެއް ހެދި އެވެ.