ބިންހެލުން

އައްޑޫ ހިމެނޭ ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެ

  • ބިންހެލުން އައީ ގަމުން ދެކުނަށް
  • ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތް
  • ބިން ހެލުން އައިކަން މީހުންނަށް އިހުސާސެއް ނުވޭ

އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެ އެވެ. މި ބިންހެލުން ރިކޯޑް ކުރެވިފައިވަނީ ރާއްޖޭ ގަޑިން ހަވީރު 5:53 ހާއިރު އެވެ. ބިންހެލުމެއް އައި ނަމަވެސް އޭގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނެ އެވެ.

މެޓުން ބުނީ މީގެ އިރުކޮޅެއް ކުރިން ސ. ގަމުން ފެށިގެން ދެކުނަށް 5.2 ރެކްޓަރު މިންގަނޑުގެ ބާރު މިނުގައި ބިން ހެލުމެއް އައިސްފަވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ސަބަބުން މިހާތަނަށް އެއްވެސް ގެއްލުމެއްވި ކަމަށް ވެސް ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ.

"މި ބިން ހެލުން އައިސްފައި ވަނީ ކަނޑުގެ އަޑިން 13 ކިލޯމީޓަރު އަޑިޔަށް އަދި ގަމުގެ ދެކުނުހުޅަނގުން 600 މީޓަރުން ދުރުން،" މެޓް އޮފީހުން ބުންޏެވެ.

އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު އަވަސް އަށް ވިދާޅުވީ ބިން ހެލުމެއް އައިކަމެއް ނޭނގޭ ކަމަށާއި އަދި އެފަދަ ކަމެއްގެ އަސަރެއްވެސް ނުކުރާ ކަމަށެވެ.

އައްޑު އަތޮޅު ހިމެނޭ ސަރަހައްދަށް އައި ބިން ހެލުމުގެ ސަބަބުން ނުރައްކަލެއް ނެތް ކަމަށް މެޓުން ބުނި ނަމަވެސް މި ހަބަރާއެކު އާންމުންނަށް ވަނީ ސިހުން ލިބިފަ އެވެ.