މާލޭ ސިޓީ

ހަތް އަހަރު ފަހުން ސަބްދެލި މަގު އަލުން ހުޅުވާލަނީ

ހިރިޔާ ސްކޫލުގެ އުތުރުން ބަންދުކޮށްފައި އޮތް ސަބްދެލި މަގު އަލުން ހުޅުވާލުމުގެ މަސައްކަތް ފަށައިފި އެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އިން ބުނީ މާލެ އަމީނީމަގު ހެދުމުގެ މަޝްރޫއާއި ގުޅިގެން މާފަންނު އަވަށުގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އެ ހައްލު ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ހިރިޔާ ސްކޫލާ އިންވެގެން އޮންނަ ސަބްދެލި މަގު އަލުން ހުޅުވުމަށް ނިންމީ ކަމަށްވެސް ބުންޏެވެ.

ސަބްދެލި މަގު ބަންދުކޮށްފައި އޮންނަތާ ހަތް އަހަރު ފަހުން އެ މަގު އަލުން ހުޅުވާލުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްވެސް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުގެ މުވައްޒަފުން މިހާރު ވަނީ ފަށާފަ އެވެ.

ސަބްދެލި މަގު ބަންދުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ.

ސަބްދެލި މަގު ބަންދުކުރީ އެ މަގުވެސް ހިމެނޭ ގޮތަށް ރަސްފަންނާ ދިމާލުން ބޮޑު ތަކުރުފާނު މަގުގައި ރިސޯޓް ކޮންސެޕްޓަށް ހަދަން އުޅުނު އެންމެ މަތީ ފެންވަރުގެ ލަގްޒަރީ އެޕާޓްމަންޓްތަކެއް އެޅުމުގެ މަޝްރޫއު -- ކޮރަލް ބުލަވާޑް -- ފެށުމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔައިރުވެސް މި މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ. އަދި ނިމިދިޔަ ރައީސް އިބްރަހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މިމަޝްރޫއު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލެއިން މޫދު ފެންނަ ގޮތަށް 129،000 އަކަފޫޓްގެ ބިމެއް ހަމަޖެއްސި ކަމަށް ހާމަކުރި އެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގައިވެސް މިމަޝްރޫއު ފެށިފައެއް ނުވެ އެވެ. އެކަމަކު ހުޅުމާލެ ބަލަހައްޓަމުންދާ ކުންފުނި -- އާބަންކޯ އިން "އާބަން ބްލަވާޑް ޗެނަލް ޕާކް"ގެ ނަމުގައި މަޝްރޫއެއް ފަށައި ބަޔަކާ އެކު އެއްބަސްވުންތަކެއް ހެދި އެވެ.