އިންޑިއާ

އިންޑިއާ ފަތުރުވެރިން ރާއްޖޭގެ ބުކިންތައް ކެންސަލްކުރަނީ!

ދިވެހި ސަރުކާރުގެ އިސް ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ރައްޔިތުންނަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރުމާއެކު ރާއްޖެ އައުމަށް އިންޑިއާގެ ފަތުރުވެރިން ހަދާފައިވާ ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނަން ފަށައިފި އެވެ.

ދިވެހި ސަރުކާރުގެ އިސްވެރިންނާއި ބައެއް އާންމު ދިވެހިންގެ މަލާމާތް މޯދީއަށް އަމާޒުވީ އިންޑިއާގެ ލަކްޝަދީބްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި މޯދީ އެރަށަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދައްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ފާޅުކުރި ޝުއޫރުތަކަކަށްފަހު އެވެ. މިޝުއޫރުތަކާ އެކު ދިވެހިންވެސް ވަނީ ރައްދު ދީފަ އެވެ.

މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަދި އަބްދުﷲ މަހްޒޫމް މާޖިދު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ. މިތިން ބޭފުޅުން މިހާރު ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ.

ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ހިނގަމުންދާ ސޯޝަލްމީޑިއާ ކޯޅުން ބޮޑުވެފައި އޮތް އިންޑިއާ ސަރުކާރުން މިއަދު ވަނީ އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އިބްރާހީމް ޝިހާބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ވެސް ހާޒިރުކޮށްފަ އެވެ.

އިންޑިއާއަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިންނާއި ކުޅިވަރުގެ ޝަހްސިއްޔަތުންވެސް ވަނީ މި ކޯޅުމުގެ ތެރެއަށް ރަނގަޅަށް ވަދެ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ނުދިއުމަށް ދޭހަވާ ފަދަ ގޮތަކަށް ސޯޝަލްމީޑިއާގައި ޕޯސްޓްތައް ކޮށްފަ އެވެ.

އިންޑިއާ އިން ރާއްޖެއާ ދެކޮޅަށް ކުރާ ސޯޝަލްމީޑިއާ ކެމްޕޭނާ އެކު މަދުވެގެން 10،000 ހޮޓެލް ބުކިން އަދި 5،000 ފްލައިޓް ބުކިން ކެންސަލްކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. ނަމަވެސް ދިވެހި ސަރުކާރުން އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން މިއަދަދުތަކާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ދިވެހި ސަރުކާރުން ވަނީ ބޭރު ގައުމުތަކުގެ ވެރިންނާ މެދު އިހާނެތި ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ފަސްނުޖެހޭނެ ކަމަށް ބުނެ ބަޔާނެއްވެސް ނެރެފަ އެވެ.