މޯލްޑިވްސް ޕޮލިސް ސާވިސް

ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރަން މަޝްވަރާކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއާ ބައްދަލުކުރައްވައި ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.

މި ބައްދަލުކުރެއްވުމުގައި ޕޮލިސް ކޮމިޝަނަރާ ޝުޖާއު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށާއި ގޭންގުތަކުން ހިންގާ ކުށުގެ އަމަލުތަކާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް މީހުން ހިންގާ ކަންކަން ހުއްޓުވުމަށް ފުލުހުން ޕްރޮގްރާމްތަކެއް ހިންގަން ގަސްދުކުރައްވާ ކަމަށެވެ.

މީގެއިތުރުން ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ކުށްކުރާ މީހުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާއާއި ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމްތަކާއި އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި، ކުރިއަށްދާނެ ގޮތްތަކަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ހިންގުމަށް ޕީޖީ އޮފީހުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މިބައްދަލުވުމުގައި ޕީޖީ ވަނީ ދެއްވާފަ އެވެ.