ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ފޫޖިއާންގެ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.
މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޗައިނާގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ ބައެއް އާސާރީ ތަކެތި ބައްލަވާލައްވާފަ އެވެ. އަދި އެ ދާރުލްއާސާރުގެ މުހިއްމު ކަމާ ގުޅޭގޮތުން އެތަނުގެ އިސްވެރިން ރައީސްގެ ދެކަނބަލުންނަށް މައުލޫމާތު ދެއްވާފައިވެ އެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ މިއަދު ވަނީ ޗައިނާގެ ފޫ ޖޮއުގެ ސާންފާން ޗީޝިއާން އަށްވެސް ޒިޔާރަތްކޮށްފަ އެވެ.
ސާންފާން ޗީޝިއާން އަކީ ތަންގ ޑައިނަސްޓީ ޒަމާނުގައި އުމްރާނީ ތަރައްގީގައި ބޭނުންކޮށްފައިހުރި ތާރީހީ ކަންކަން ދައްކުވައިދޭ، ޗައިނާގެ ފޫ ޖޮއުގައި ހިމެނޭ ސަގާފީ ސަރަހައްދެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.