މަސްވެރިން

މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ ދޫކުރަނީ

މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު މިފްކޯ އިން ނުދީ ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ ދޫކުރުމަށް ނިންމައިފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން މިކަން ހާމަކުރީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

"މި ފުރުސަތުގައި މަސްވެެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" މިފްކޯގެ ޕޯސްޓްގައިވެ އެވެ.

ނިމިދިޔަ ސަރުކާރުގައި މިފްކޯއަށް މަސް ގަތުމަށްފަހު މަސްވެރިންނަށް ނުދީ ހުރީ ފައިސާގެ ތެރެއިން ޖުމްލަ 190 މިލިއަން ރުފިޔާ ދެ ފަހަރަކަށް ބަހާލައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވެ އެވެ.

މަސްވެރިންނަށް މާދަމާ އިތުރު 100 މިލިއަން މާދަމާ ދޫކުރި ނަމަވެސް މިފްކޯ އިން މަސްވެރިންނަށް ދޭންޖެހޭ 140 މިލިއަނެއްހާ ރުފިޔާ އަދިވެސް ނުދީ އޮތް ކަމަށް މަސްވެރިން ބުނެ އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.